ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 504 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއީ މިހާތަނަށް ކޮވިޑް ޖެހިގެން އެޤައުމުން އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އިއްޔެ އިތުރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވުމާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދި މިހާރު ވަނީ 17,410 އަށް އަރާފައެވެ. އިންޑިއާއަކީ ކޮވިޑް ޖެހިގެން ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 18,256 މީހަކު ވަނީ ކޮވިޑް-19 އަށް އަލަށް ފައްސިވެފައެވެ. މިއީ އެޤައުމުން މިހާތަނަށް ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ފަހަރެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 585,792 އަށް އަރާފައެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ހަލުވިކަމާއެކު މިހާރު ކޮވިޑް-19 ފެތުރެމުންދާ އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ޤައުމެވެ. އެޤައުމުން މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި 130000 އެއްހައި މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ އެޤައުމުން ތިންހާހެއްހައި މީހުން މި ބަލީގައި މަރުވިއެވެ.

އިންޑިއާއަށް ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 347,836 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ.

އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ ވެސް އިންޑިއާއެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފަށައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު