ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވެ، އެޤައުމުން ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެދާނެ ކަމަށް އެމެރިކާގެ އެންމެ އިސް ސައިންސްވެރިޔާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް ޑރ. ފައުޒީ ވިދާޅުވީ، މިހާރު އެމެރިކާއިން އާންމު ގޮތެއްގައި ދުވާލަކު 40000 މީހުންނަށް އަލަށް ބަލި ޖެހޭއިރު، ހާލަތު ބަދަލުނުވެ އެ އަދަދު ލައްކައަކަށް އަރައިގެން ދިޔަޔަސް ހައިރާނެއް ނުވާނެ ކަމަށެވެ.

ޑރ. ފައުޗީ ވިދާޅުވީ، މި ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތުގައި އެމެރިކާގައި ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ތަބާނުވެ ފިޔަވަޅުތަކާއި ޚިލާފުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން ގިނަ މީހުން އެއްތަންވެ މާސްކު އެޅުމާއި ގައިދުރުކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދީ އުޅެމުންދާތަން ފެންނަ ކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

އެހެންކަމުން ކުރިޔަށްއޮތް ދުވަސްތަކުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި، މި އާދަތައް ބަދަލު ނުކޮށްފިނަމަ ހީވެސް ނުކުރާވަރަށް އެމެރިކާގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ފައުޗީ ވަނީ ވިދާޅުވެފައެވެ.

"މިހާރު މި ފެންނަމުންދާ މަންޒަރުތަކުން ހިތްހަމަޖެހިލައިގެން ތިބެވޭކަށް ނެތް. ބަލިމަޑުކަމުގެ ނުރައްކާ އިތުރުވާއިރުވެސް ކަންކަން މިދަނީ އެންމެ ރަނގަޅަކަށް ނޫން. އެހެންކަމުން މިކަމާއި މެދު އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ. ޔަޤީނުންވެސް ހާލަތު މިހާރު މިވަނީ ވަރަށް ބޮޑަށް ގޯސްވެ ކޮންޓްރޯލް ގެއްލިފައި،" ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ މިގޮތަށް ވިދާޅުވެފައި މިވަނީ، އެމެރިކާގައި މީގެ ކުރިން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދީ، ގިނަ ސްޓޭޓްތަކުން ފުރަބަންދު އުވާލައި އާ އާންމު ހާލަތަކަށް ގޮސްފައި ވަނިކޮށެވެ. މިކަމާއި މެދު އެމެރިކާގެ ސިއްޙީ ތަޖުރިބާކާރުން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތް އެމެރިކާއިން މިދިޔަ މޭއި މަހުގެ ތެރޭގައި ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައި ވީނަމަވެސް، ޖޫން މަހު އަނެއްކާވެސް ކުރިޔަށްވުރެ ބޮޑަށް މި ބަލި ވަނީ ފެތުރެން ފަށާފައެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހަކަށް މިދިޔަ ހުކުރު ދުވަސް ވަނީ ވެގެން ގޮސްފައެވެ.

ހުކުރު ދުވަހު އެކަނިވެސް އެޤައުމުން 47341 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި އިއްޔެއަކީ އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހަށް ވަނީ ވެފައެވެ. ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެޤައުމުން އިތުރު 44734 މީހަކަށް ބަލި ޖެހިފައި ވެއެވެ.

މިވަގުތު އެމެރިކާއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސްޓޭޓްތަކުގެ ތެރޭގައި ފްލޮރިޑާ އާއި ޓެކްސަސް އާއި ކެލެފޯނިއާގެ އިތުރުން އެރިޒޯނާ ހިމެނެއެވެ. އެ ސްޓޭޓްތައް ހިމެނޭހެން އެމެރިކާއިން މިހާތަމަށް މި ބަލި ޖެހުނު މީހުންގެ އަދަދު 2.7 މިލިއަންއަށް އަރައި، އޭގެތެރެއިން 129000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.