ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު 130000 އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 739 މީހަކު ހިމެނޭހެން މިހާތަނަށް އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 130,097 އަށް އަރާފައެވެ.

އެމެރިކާ އަކީ މުޅި ދުނިޔެއިން ވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހި، ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

އެންމެ ގިނަ ބަޔަކަށް މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ ޤައުމެއްގެ ގޮތުގައި އޮތް އެމެރިކާ އަކީ، ސީރިއަސް ހާލުގައި އެންމެ ގިނަ ބަޔަކަށް ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގައި ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން ދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 43,345 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 2,725,156 އަށް އަރާފައެވެ.

މިހާތަނަށް އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 1,136,507 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މި ބަލީގައި 15,933 މީހަކަށް އެޤައުމުގައި ސީރިއަސް ހާލުގައި ފަރުވާ ދެމުން ދެއެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ނިއުޔޯކާއި ފްލޮރިޑާ އާއި ޓެކްސަސް އާއި ކެލެފޯނިއާގެ އިތުރުން އެރިޒޯނާ ހިމެނެއެވެ. އެޤައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވެފައި ވަނީ ނިއުޔޯކުންނެވެ. އެ ސްޓޭޓުން އެކަނިވެސް 417810 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 32125 މީހަކު މަރުވެފައި ވެއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 10.5 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން 512000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.