ކޮވިޑް-19 ޖެހޭ މީހުންނަށް ދިނުމުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކާފައިވާ ބޭހެއް ކަމަށްވާ "ރެމްޑެސިވިއާ" ނަމަކަށް ކިޔާ ބޭސް ލިބޭނީ ހަމައެކަނި އެމެރިކާ މީހުންނަށް ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ބޭސް އުފައްދާ ކުންފުނި "ގިލީޑް" އިން އުފައްދާ ބޭހުގެ ހަޑޯސް އަށް 532 އެމެރިކާ ޑޮލަރު ޚަރަދު ވެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު ހިއުމަން ސާވިސް (އެޗްއެޗްއެސް) އިން މިހާރު ވަނީ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހު އެކުންފުންޏަށް އުފެދޭނެ ބޭހުގެ އަދަދަށް ފައިސާ ދައްކާފައެވެ. އެހެންކަމުން ބޭސް ލިބޭނީ ހަމައެކަނި އެމެރިކާ މީހުންނަށެވެ.

ލިވަޕޫލް ޔުނިވަސިޓީގެ ޕްރޮފެސަރެއް ޑރ.އެންޑްރޫ ހިލް ވިދާޅުވީ "ރެމްޑެސިވިއާ" ނަމަކަށް ކިޔާ ބޭސް އޮކްޓޯބަރު މަހުގެ ކުރިން އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކަށް ނުލިބޭނެ ކަމަށެވެ. ބޭސް ބޭނުންވާ ކަމަށް ބުނެފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެއެވެ. ނަމަވެސް އެގައުމުތަކަށް ވެސް ބޭސް ލިބޭނެ ގޮތެއް ނެތެވެ.

"މިހާތަނަށް އަހަރެމެންނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ރެމްޑެސިވިއާ ކުރިއަށް އޮތް ތިން މަސް ދުވަހު އެހެން ގައުމަކަށް ނުލިބޭނެ. ޔޫރަޕްގެ ގައުމަކަށް ވެސް އަދި އިނގިރޭސިވިލާތައް ވެސް މިބޭސް ނުލިބޭނެ." ޑރ.ހިލް ވިދާޅުވިއެވެ.

މިބޭހުގެ ޖެނެޓިކް ވާޝަނެއް ކުދި އާމްދަނީ ލިބޭ ބައެއް ގައުމުތަކުން ދަނީ އުފައްދަމުންނެވެ. ނަމަވެސް އެއީ ޔޫރަޕްގެ ގައުމުތަކަށް އެތެރެ ކުރުމުގެ ހުއްދަ އޮންނަ ބޭހަކަށް ނުވާނެއެވެ. އެއީ ޔޫރަޕުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބޭސް ނުފެތޭނެތީއެވެ.

ރެޑްމިސިވިއާ އަކީ އެބޯލާ އަށް ހާއްސަ ކޮށްގެން އުފެއްދި ބޭހެކެވެ. ކޮވިޑް-19 ޖެހޭ މީހުންނަށް މިބޭސް ދިނުމުން ބަލިން ރަނގަޅުވާ މުއްދަތު ވަރަށް ބޮޑަށް ކުރުވާ ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު