އެއާކޯން ކޮށްފައި ހުންނަ ތަންތަނުގެ އެތެރޭގައި ތިބޭ މީހުންގެ ތެރޭގައި ކޮވިޑް-19 ފެތުރުން އިތުރު ކަމަށް ލަފާކުރެވޭ ކަމަށް ހާވާޑް ޔުނިވަސިޓީގެ ޕްރޮފެސަރަކު ވިދާޅުވެއްޖެއެވެ.

ހާވާޑްގެ މެޑިކަލް ސްކޫލްގައި މަސައްކަތް ކުރައްވާ ޕްރޮފެސަރ އެޑްވާޑް ނަޑެލް ވިދާޅުވީ އެއާކޯން ކޮށްފައި ހުންނަ ތަންތަނުގައި އެކަށީގެންވާ ގޮތަކަށް ވައި ބޭރުވަމުން ނުދާތީ އެފަދަ ތަނަކަށް ކޮވިޑް-19 ވައިރަސް ވަދެއްޖެ ނަމަ އެތައް ބަޔަކަށް ބަލި ޖެހިދާނެ ކަމަށެވެ.

"އެމެރިކާގައި ޖޫން މަހު އެއާކޮންޑިޝަން ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވޭ. ސަބަބަކީ ޖޫން މަހަކީ އެމެރިކާ އަށް އެންމެ ހޫނު ގަދަ އެއްމަހަށް ވާތީ. ޖޫން މަހު އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދިއުމުގެ އެއްސަބަބަކަށް ވެދާނެ އެއާކޯން ކޮށްފައި ހުންނަ ކުދިކުދި ތަންތަނުގައި މީހުން ތޮއްޖެހިގެން ތިބުން އެއީ ވެސް." އެޑްވާޑް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއާކޯން ކޮށްފައި ހުންނަ ތަންތަނުގައި ފަސޭހައިން ބަލި ފެތުރޭ ކަމަށް އަދި މިހާތަނަށް ލަފާކުރެވުނު ނަމަވެސް އެކަމަށް އިތުރު ދިރާސާތައް ކުރަން ޖެހެއެވެ.

2003 ވަނަ އަހަރު ފެތުރުނު ސާސް ރޯގާ ވެސް އެއާކޯން ކޮށްފައި ހުންނަތަންތަނުގައި ބޮޑަށް ފެތުރުނު ކަމަށް ބައެއް ދިރާސާތަކުން ދައްކާފައި ވެއެވެ. ކޮވިޑް-19 އާއި ސާސް ރޯގާ އަކީ އެއްގޮތް ސިފަތައް ހުރި ދެރޯގާއެވެ.

ޕްރޮފެސަރ އެޑްވާޑްގެ އިތުރުން އެހެން ބައެއް ތަޖުރިބާކާރުން ވެސް ވަނީ އެއާކޯން ކޮށްފައި ހުންނަ ތަންތަނުގައި ބަލި އިތުރަށް ފެތުރިދާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ތަޖުރިބާކާރުން ލަފާދެނީ ކުދިކުދި، ގިނައިން މީހުން ވަންނަ ތަންތަނުގައި އެއާކޯން މިދުވަސްވަރު ނުޖެއްސުމަށެވެ. ކޮންމެހެން އެއާކޯން ޖައްސަން ޖެހުނު ނަމަވެސް ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރު ދޮރުތައް ހުޅުވައި ވައި ބޭރުވާނެ ގޮތެއް ހަދަން ތަޖުރިބާކާރުން ލަފާ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު