ޕާކިސްތާންގެ ސްޓޮކް އެކްސްޗޭންޖްގެ އިމާރާތައް ހަތިޔާރު އެޅި ހަނގުރާމަވެރިންތަކެއް ދިން ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށާއި އެއީ އެއްވެސް ސުވާލެއް ވެސް ނެތް ކަމެއް ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ހަތަރު ހަނގުރާމަވެރިން ޕާކިސްތާންގެ ކަރާޗީގައި ހުންނަ ސްޓޮކް އެކްސްޗޭންޖްގެ އިމާރާތައް ދިން ހަމަލާގައި ދެގާޑުންނާއި، ފުލުހެއްގެ އިތުރުން ހަތަރު ސިފައިން މަރުވިއެވެ. ހަމަލާދިން ހަތަރު ހަނގުރާމަވެރިން ވަނީ ޕާކިސްތާން ސިފައިންގެ ހަމަލާތަކިގައި މަރުވެފައެވެ.

ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގައި ހަމަލާގެ މައުލޫމާތު ހިއްސާ ކުރައްވަމުން އިމްރާން ޚާން ވިދާޅުވީ "އެއްވެސް ސުވާލެއް ނެތް މިހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ" ކަމަށެވެ.

ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް އިމްރާން ޚާން ވިދާޅުވި ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ ހަމަލާގެ ފަހަތުގައި އިންޑިއާ އޮތް ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޕާކިސްތާންގެ ދެކުނުގައި ވަކިވެ ގަތުމަށް ހަނގުރާމަ ކުރާ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ބަލޮކް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ ސްޓޮކް އެކްސްޗޭންޖަށް ދިން ހަމަލާގެ ޒިންމާ އުފުލާފައެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ތަޤްރީރު ކުރައްވަމުން އިމްރާން ޚާން ވިދާޅުވީ ދާދިފަހުން ޕާކިސްތާންގައި ދޭން އުޅުނު ހަތަރު ހަމަލާއެއް ޖާސޫސީ އިދާރާތަކުން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ ހަމަލާތަކެއް ހުއްޓުވުމަކީ ޖާސޫސީ އިދާރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަލާގެ ޒިންމާ އުފުލި ބީއެލްއޭ އަށް އިންޑިއާ އިން އެހީތެރިވާ ކަމަށް މީގެ ކުރިން ވެސް ޕާކިސްތާނުން އެތައް ފަހަރަކު ތުހުމަތު ކޮށްފައި ވެއެވެ. އެޖަމާޢަތުން ވަނީ 2018 ވަނަ އަހަރު ޕާކިސްތާންގައި ހުންނަ ޗައިނާ އެމްބަސީއަށް ދިން ހަމަލާއެއްގެ ޒިންމާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިންޑިއާއިންވެސް ކޮށްފާނެ....ޕާކިސްތާނުގައި ކޮވިޑަށް ފައްސި ވާ މީހުން މަދުވީމާ ޖޭވީ ކަންނޭންގެ

    14
  2. ހާދީ

    ގި އްގަޅުވާލަ ބަލަ ތި އިންޑިޔާ...ޗަ އިނާ އާއި ގުޅިގެން ގި އްގަޅުވާލަންވީ

  3. ވިލިގިއްލޭ ގޮޅެޔާ ކާމިލު

    ކޮވިޑްގަ އިންޑިއާ ފަނާވެ ދިއުމަށް ދުޢާ ކުރަން.. ނުބައި ބައެއް..

    2
    1