ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު ހަ ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 605,216 ގައެވެ. އެޤައުމަކީ މިހާރު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެވެ.

އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު ހަ ލައްކައަށް އަރާފައި މިވަނީ، އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމުންނެވެ. އިދާރާތަކުން ބުނާގޮތުން އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 19,424 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއްދުވަހެއްގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އިންޑިއާއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ބަލި ފެތުރޭ މިންވަރު ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް އިތުރުވެގެން ގޮސްފައި ވާއިރު، އެޤައުމުން މިދިޔަ ހަފްތާއެއްހައި ދުވަސްތެރޭގައި އެކަނިވެސް 150000 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް އަލަށް ބަލި ޖެހިފައި ވެއެވެ.

މިވަގުތު ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17800 އަށްވުރެ ގިނަ މީހަކު މަރުވެފައި ވެއެވެ. އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 359,891 މީހަކު ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާގައި މިހާރު ކޮވިޑަށް ފަރުވާދެމުން ދަނީ 227,069 މީހަކަށެވެ. އޭގެތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. އެޤައުމަކީ އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް ވެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާނަ

    ދެރަ

    3
    1
  2. ށަމަ

    ކީއްކުރާނީ