ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކަލާއެކު ޤައުމުތައް ފަޤީރުވެ، ދުނިޔެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެދާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ވެރިކަންކުރާ ކެންބެރާގައި ހުންނަ "އޮސްޓްރޭލިއަން ޑިފެންސް ފޯސް އެކެޑަމީ" ގައި ވާހަކަ ދައްކަވަމުން ސްކޮޓް ވިދާޅުވީ، މއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރަށް ފަހު އޮސްޓްރޭލިއާއަށް މިހާތަނަށް ކުރިމަތިވި އެންމެ ދަތި ދުވަސްވަރު ކަމަށެވެ. ނަމަވެސް މި ހާލަތުގައި ވެސް ޤައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ސްކޮޓް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ދުނިޔޭގައި ކޯޅުން ބޮޑުވެދާނެ ކަމުގެ ނުރައްކާ އޮތްކަން ހާމަކޮށް ސްކޮޓް ވިދާޅުވީ، މިވަގުތު އެޤައުމުން ތައްޔާރުވަމުންދަނީ ފަޤީރު ދުނިޔެއެއްގައި ކުރިމަތިލާން ޖެހިދާނެ ބޮޑު ހަނގުރާމައަކަށް ކަމަށެވެ. އެކަމަށްޓަކައި ޤައުމުގެ ދިފާޢީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކުރުމަށް މި ދަނޑިވަޅުގައި އިސްކަންދެއްވާ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

ސްކޮޓް ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވި ފަހުން ޗައިނާ ފަދަ ޤައުމުތަކުން ބިމުގެ މައްސަލައިގައި މިހާރުވެސް ކޯޅެން ފަށާފައިވާ ކަމަށެވެ. އެގޮތުން އެޤައުމާއި އިންވެގެން އޮންނަ އިންޑިއާ ސިފައިންނާއި ވެސް ބޯޑަރު ސަރަޙައްދުން ހިނގި ކުރިމަތިލުމަކީ ދުނިޔެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ސްކޮޓް ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި ޗައިނާ ކުށްވެރިކޮށް، އެޤައުމަށް ފާޑުކިޔުން އަމާޒުކޮށް ސްކޮޓް އިތުރަށް ވިދާޅުވެފައި ވަނީ ޗައިނާގެ ދެކުނާއި އިރުމަތީ ކަނޑުގެ ސަރަޙައްދުގައި ހުންނަ ބައެއް ރަށްތަކެއްގެ މައްސަލަތައް ވެސް ބޮޑުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތަކަށް އޮސްޓްރޭލިއާ އޮންނާނީ ފާރަވެރިވެ ކަމަށް ސްކޮޓް ވިދާޅުވެފައި ވެއެވެ.

އޮސްޓްރޭލިއާ އިން ވަނީ މިއަހަރު އެޤައުމުގެ ސަލާމަތީ ކަންކަން އިތުރު ކުރުމަށް 186 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެ ކަން އިއުލާނުކޮށްފައެވެ. މި ބަޖެޓުގެ ތެރެއިން އެޤައުމަށް ހަނގުރާމަމަތީ މަނަވަރުތަކާއި ދުރު ރާސްތާ މިސައިލާއިން އަސްކަރީ އެނޫންވެސް އުޅަނދުތަކާއި ހަތިޔާރު ހޯދުމަށް ނިންމާފައި ވެއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާގެ އަމިއްލަ ސެޓެލައިޓް ނެޓްވޯކެއް ވެސް ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް، ރާޑަރު ސިސްޓަމްތައް ހިންގުމުގައި އެމެރިކާއަށް ބަރޯސާވާ މިންވަރު މަދު ކުރުމަށް އޮސްޓްރޭލިއާއިން މިހާރު ވަނީ އަމާޒު ހިފާފައެވެ.