ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 438 މީހަކު މަރުވެއްޖެއެވެ. މިއީ މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފަރުވާކުރަމުން ދަނިކޮށް އެއް ދުވަހެއްގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކުރި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ ބަޔަކު މަރުވުމުން، އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 17,848 އަށް އަރާފައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި އެކަނިވެސް އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 3300 އަށްވުރެ އިތުރުވެފައެވެ. މިއީ މިހާތަނަށް އެއް ހަފްތާ ތެރޭ އިންޑިއާއިން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވެފައިވާއިރު، އެޤައުމަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް ވެއެވެ. އެގޮތުން މިހާރު އިންޑިއާގައި ކޮވިޑަށް ފަރުވާދޭ 227,477 މީހުންގެ ތެރެއިން 8,944 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އިންޑިއާގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ބިރު އެބައޮތެވެ. އިންޑިއާ އަކީ ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

ކޮވިޑް-19 ގެ ނުރައްކާ މިހާރު އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 605,216 މީހަކަށް ބަލި ޖެހިފައިވެއެވެ. އެޤައުމަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނައިން، ކޮވިޑް-19 ގެ ވޭދަނަތައް ފެންމަތިވެފައިވާ ޤައުމެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު