އެމެރިކާ އިން އެއްދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން ބުނާ ގޮތުގައި އިއްޔެ އެމެރިކާ އިން 48000 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އެހެންކަމުން އިއްޔެ އަކީ އެއްދުވަސް ތެރޭގައި އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ފާއިތުވި އަށް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭގައި ފައްސިވުމުން ރެކޯޑް ފަސްވަނަ ފަހަރަށް ވަނީ ބަދަލުވެފައެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މިހާރު މަރުވާ މީހުންގެ އަދަދު މަދެވެ. އިއްޔެ އެމެރިކާ އިން މަރުވީ 676 މީހުންނެވެ.

އިއްޔެ ނޯތު ކެރޮލައިނާ، ޓެންސަސް އަދި ޓެކްސަސް އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ ނިއުޔޯކުން ވަނީ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުން ލަސްކޮށްފައެވެ. ކުރިން ހަމަޖެހިފައި އޮތީ ރެސްޓޯރެންޓްތަކުގެ އެތެރޭގައި ތިބި ޚިދުމަތް ހޯދުމުގެ ފުރުސަތު ވެސް މިހަފްތާގައި ދިނުމަށެވެ. ނަމަވެސް އެނިންމުމަށް އަމަލު ކުރުން މިހާރު ވަނީ އަންނަ ހަފްތާއަށް ފަސްކޮށްފައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތައް ތާއިދުކޮށް، ފުރަބަންދަށް އަވަހަށް ލުއިދިން ރިޕަބްލިކަން ޕާޓީގެ މޭޔަރުން ތިބި ސްޓޭޓްތަކުގައި މިހާރު ވަނީ ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. ޓްރަމްޕްގެ ބަހަށް އިތުރުބާރުކޮށް އެންމެ އަވަހަށް ހުޅުވާލި އެރިޒޯނާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައި ވާތީ ބައެއް ޕާކްތައް ބަންދު ކުރަން މިހާރު ވަނީ ނިންމާފައެވެ.

އެންމެ އަވަހަށް ފުރަބަންދުކުރި އެއް ސްޓޭޓް ކަމަށްވާ ކެލިފޯނިއާ އިން ފުރަބަންދަށް ލުއިތައް ދިނުމާއި އެކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އެހެންކަމުން ކެލިފޯނިއާ އިން ވެސް މިހާރު ވަނީ ބާތަކާއި އިންޑޯ ރެސްޓޯރެންޓްތައް ބަންދު ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮޅުރޯނާ

    ކޮންމެ ދުވަހަކުވެސް ސުރުޚީގައި މިލިޔަނީ ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ. ރެކޯޑް އަދަދަކީ ކިހާވަރެއް.؟