ކޮވިޑް-19 އަށް އޮކްސްފޯޑް ޔުނިވަސިޓީން ތައްޔާރު ކުރި ވެކްސިން އިންސާނުންނަށް ދެވޭ ވަރަށް ތަރައްޤީކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ބުނެފިއެވެ.

އޮކްސްފޯޑްގެ ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ސައިންސްވެރިޔާ ސާރާ ގިލްބާޓް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ރޭ ވާހަކަދައްކަވަމުން ވިދާޅުވީ އޮކްސްފޯޑުން އުފައްދާފައިވާ ވެކްސިންގެ ތިން ވަނަ މަރުހަލާގެ ތަހްލީލްތައް ވެސް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ނަމަވެސް ވެކްސިން ބޭނުން ކުރަން ލިބޭނެ ކަމަށް ކުރިން ލަފާކުރި މުއްދަތައް ވެކްސިން ލިބުމުގެ ފުރުސަތު މިހާރު ނެތް ކަމަށެވެ.

ކުރިން ލަފާކޮށްފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރ ހިސާބުގައި އޮކްސްފޯޑްގެ ވެކްސިން އިންސާނުންނަށް ދެވޭ ވަރު ވާނެ ކަމަށެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސާރާ ވިދާޅުވީ ތިން ވަނަ މަރުހަލާގައި ވެކްސިން ދިން 8000 ވޮލެންޓިއަރުންގެ ކިބައިން ފެންނަ ނަތީޖާ އާއި މެދު ސައިންސްވެރިންގެ ޓީމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.

"އަހަރެމެން މިތިބީ ވެކްސިން ދިން މީހުންގެ ދިފާޢީ ނިޒާމެއް އައިސްފައިވާ ބަދަލުން ހިތްހަމަޖެހިފައި. ކުރު މުއްދަތެއްގެ ނަތީޖާތަކަށް ބަލާއިރު އެއްވެސް ގޯހެއް ނެތް." ސާރާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް އޮކްސްފޯޑުން އުފައްދާ ވެކްސިން ބޭނުން ކުރަން ލިބޭނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ބުނުމުން ކަންބޮޑުވުން ވަނީ އިތުރު ވެފައެވެ. އުތުރު ބިތުގެ ގައުމުތަކަށް އަހަރުގެ ފަހުކޮޅު ފިނި މޫސުން އައުމާއި އެކު ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އެހެންކަމުން އެހައި ދުވަހަށް ވެކްސިނެއް ނުލިބިއްޖެނަމަ ހާލަތު ވަރަށް ބޮޑަށް ނުރައްކާ ވެދާނެއެވެ.

ސާރާ ވިދާޅުވީ ވީހާވެސް އަވަހަށް ވެކްސިން ބޭނުން ކުރެވޭވަރު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ނަމަވެސް ނަތީޖާތައް ލިބި، ހުރިހާކަމެއް ކުރެވި، ވެކްސިން ބޭނުން ކުރުމަށް ކުރަން ޖެހޭ ކަންކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އޮކްސްފޯޑްގެ ވެކްސިން ލަސްވާނެ ކަމަށް ބެލެވިފައި ވާއިރު، އެމެރިކާ އިން ވެސް ބުނެފައި ވަނީ އެމެރިކާގެ ކުންފުނިތަކަށް ވެސް ބޭނުން ކުރެވޭ ވަރަށް ވެކްސިނެއް އުފެއްދޭނީ އަންނައަހަރުގެ ކުރީކޮޅު ކަމަށެވެ. ނަމަވެސް ޗައިނާ އިން މިއަހަރު ފަހުކޮޅު ބޭނުން ކުރެވޭ ވަރަށް ވެކްސިނެއް އުފައްދަފާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޮހިންޖާ

    ކަލޭމެން އޮކްސްފޯޑުން އުފައްދާ ވެކްސިން ނުލިބިގެން ހާދަ ކަންބޮޑުވޭ ދޯ؟
    ﷲގެ އިރާދަފުޅުން ސައުދީން އުފައްދާ ވެކްސިނުން މާ ފައިދާ ކުރާނެ. އަދި އެޔަކު ނަޖިސް ދިޔަވަރެއް ނުހުންނާނެ.

    11
    1
  2. ހިންޖާ

    މާޝާ ﷲ

    4
    1