މާދަމާ އިން ފެށިގެން ކިއުބާގެ ވެރިރަށް ހަވާނާ ހުޅުވާލުމަށް އެ ގައުމުގެ ބޮޑުވަޒީރު މަރޭރޯ ކްރޫޒް ނިންމަވައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކިއުބާގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. ކިއުބާ އަށް ފްލައިޓުތައް ދަތުރުކުރުން މެދުކަނޑާލައި ފުރަބަންދަކަށް ދިޔައީ، އެ ގައުމަށް އައި އިޓަލީގެ ތިން ޓޫރިސްޓަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

އޭގެ ފަހުން އެ ގައުމުގައި ގާއިމް ކުރި ހަރުކަށި އުސޫލުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނެވެ.

މާދަމާ އިން ފެށިގެން ހަވާނާގެ ރެސްޓޯރަންޓުތަކާއި ބާތަކާއި އެހެން ވިޔަފާރިތައް ހިންގުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ތިން މަސް ފަހުން، އެ ގައުމުގެ ރައްޔިތުން ބޭރަށް ނިކުމެ ބީޗް ފަދަ ތަންތަނަށް ދިއުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.

އެކަމަކު، އެ ގައުމަށް މީހުން އެތެރެވުމާއި ބޭރުވުން އަދިވެސް އޮތީ ސަސްޕެންޑްކޮށްފައެވެ.

ކިއުބާގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2،348 މީހުންނެވެ. އަދި މި ބަލީގައި މަރުވެފައި ވަނީ 86 މީހުންނެވެ.