ނުރައްކާތެރި އެބޯލާ ވައިރަސް، އަނެއްކާވެސް އެފްރިކާ ބައްރުގެ ޤައުމެއްގައި ފެތުރެމުން އެބަދެއެވެ. މި ބަލި ފެތުރެމުންދާކަން ރިޕޯޓުކޮށްފައިވަނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ.

ކޮންގޯގެ ހެލްތު މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން އެބޯލާގެ ނިޝާންތައް ފެނުނު 21 މީހެއްގެ ތަހުލީލުތައް، ވަނީ ކޮށްފައެވެ. އަދި، އޭގެތެރެއިން 17 މީހަކު މަރުވެފައިވާކަމަށްވެސް ބުނެފައިވެއެވެ. މި ފަރާތްތަކުގެ ތެރެއިން ފަސް ސާމްޕަލް ނަގައި، ޓެސްޓުކުރުމުން، ދެ ސާމްޕަލް އެބޯލާ ކަން ކަށަވަރުވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި 17 މީހުން މަރުވެފައިވަނީ ފާއިތުވި ފަސް ހަފްތާގެ ތެރޭގައެވެ. އަދި، އަނެއްކާވެސް އެބޯލާގެ އެޕިޑަމިކެއް ފެތުރުމުގެ ނުވަތަ އެޤައުމުގައި އެބޯލާ ފެތުރުމުގެ ބިރު އެބަ އޮތްކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ބުނެފައިވަނީ، އެބޯލާ ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށް، ފުރިހަމައަށް ތަމްރީނު ލިބިފައިވާ އިންސާނީ ވަސީލަތްތައް މިހާރު ތަރައްޤީ ކުރެވިފައިވާކަމަށެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، (ޑަބްލިޔު.އެޗް.އޯ) އިން އިއްޔެ ބުނެފައިވަނީ އެކަމުގެ ރިޕޯޓުތައް އެޖަމިއްޔާއަށްވެސް ލިބިފައިވާކަމަށެވެ. އެހެންކަމުން، އެޖަމިއްޔާގެ ތަޖުރިބާކާރުންނާއި "ޑޮކްޓަރސް ވިތައުޓް ބޯޑަރސް" ގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް، މިހާރު ކޮންގޯ އިން މި ބަލި ފެތުރޭކަމަށް ރިޕޯޓުކޮށްފައިވާ ތަންތަނަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށެވެ.

ހަމައެހެންމެ، ބަލި ފެތުރުނަ ނުދީ ނައްތާލުމަށް، ކޮންގޯ އަށް އެއް މިލިޔަން ޑޮލަރުގެ ކޮންޓިންޖެންސީ ފަންޑެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. ކޮންޓިންޖެންސީ ފަންޑަކީ ކުއްލިއަކަށް ދިމާވާ ކަންކަމަށް ޚަރަދު ކުރަންދޭ ފައިސާއެވެ.

އެބޯލާ އަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާއިރު، 2013 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ނިޔަލަށް، ހުޅަނގު އެފްރިކާގެ ޤައުމުތަކުގައި މި ބަލި ފެތުރި، 11300 މީހުން މަރުވެފައިވާކަމަށް ރިކޯޑުކުރެވިފައިވެއެވެ.

މި ބަލި އިންސާނުންނަށް ޖެހެނީ އިންފެކްޓް ވެފައިވާ ވައު، ރާމާމަކުނު އަދި ގޮރިއްލާ ފަދަ ޖަނަވާރުތަކުގެ ސަބަބުންނެވެ. އަދި، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް، އަނގަޔާއި، ނޭފަތުން، ލޭގެ ސަބަބުން އަދި ހަމުގެ ސަބަބުންވެސް މި ބަލި އަރައެވެ.