ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 679 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން މިހާތަނަށް މެކްސިކޯއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 29,189 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް މެކްސިކޯ އިން އިތުރު 6,741 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 238,511 އަށް އަރާފައެވެ.

މެކްސިކޯ އަކީ ދުނިޔެއިން ދިހަވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މިބަލީގައި ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 142,593 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެ ތެރެއިން 4,274 މީހަކު ރަނގަޅުވިކަމަށް ރެކޯޑް ކުރެވިފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

މިހާރު މެކްސިކޯގައި މި ބައްޔަށް ފަރުވާދެނީ 66,729 މީހަކަށެވެ. އޭގެތެރެއިން 378 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މެކްސިކޯ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެޤައުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބަލީގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.