އިއްޔެ ދުނިޔެއިން ކޮވިޑް-19 އަށް ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔެއިން އިތުރު 208,864 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. މިއީ އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10,974,421 އަށް އަރާފައެވެ.

އިއްޔެގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ކޮވިޑަށް ފައްސިވީ، މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު ބަލި ޖެހުނު މީހުންގެ އަދަދު 197,442 އަށް އަރާ ކަމަށް އިދާރާތަކުން ބުނެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ދުނިޔެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 5,155 މީހަކު ކޮވިޑް-19 ޖެހިގެން މަރުވިއެވެ. މިއާއެކު މި ބަލީގައި ދުނިޔެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 523,242 އަށް އަރާފައެވެ.

ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވަމުން އަންނައިރު، ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހިފެހެއްޓުމެއްނެތި އިތުރުވަމުންނެވެ.

މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ، 6,135,272 މީހެކެވެ. އޭގެތެރެއިން 200,278 މީހަކު ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ އިއްޔެ އެވެ.

މިވަގުތު ޤައުމުތަކުގައި ކޮވިޑަށް ފަރުވާދެމުން ދަނީ 4,315,907 މީހަކަށެވެ. އޭގެތެރެއިން 58,134 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ހުއާން ސިޓީންނެވެ. އޭގެފަހުން އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ކާމިޔާބު ވެކްސިނެއް ނުވަތަ ފަރުވާއެއް ވެސް ހޯދިފައެއް ނުވެއެވެ.