އެމެރިކާ އާއި ހުޅަނގުގެ އެހެން ޤައުމުތަކަކާއެކު އީރާނާ ވެފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވިކަން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނޫސްވެރިންނާ ބައްދަލުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަންވަނީ ހާމަކޮށްފައެވެ. މިކަމުގެ ސަބަބުން، އަނެއްކާވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، ޓްރަމްޕް ވަނީ ނިންމާފައެވެ.

ބައިނަލްއަޤުވާމީ މަޝްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި އެމެރިކާ އިން މި ނިންމުން ނިންމުމުގެ ފަހަތުގައި އެތައް ސަބަބުތަކެއް ވުން އެކަށީގެންވެއެވެ. އެގޮތުން، އެފަދަ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

އޮބާމާ ކޮށްފައިވާ ކަމަކަށް ނިމުން ގެނައުމަށް

ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނާގޮތުގައި، އީރާނާއެކު ވެފައިވާ އެއްބަސްވުން އުވާލުމަކީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ސެކެރެޓަރީ އޮފް ސްޓޭޓް، ޖޯން ކެރީ މުގުލުގައި ތިބެގެން ކޮށްފައިވާ ކަމަކަށް ވުމެވެ. މިކަން ހާމަވާ މޭރުމުން، ޓްރަމްޕް ކުރިން ވާހަކަ ދައްކާފައިވެސްވެއެވެ. އީރާނާއެކު މަޝްވަރާތައް ކުރިއަށް ނުގެންދިޔުމަށް ކެރީއަށް ޓްރަމްޕް ގޮވާލާފައިވެއެވެ.

މީގެއިތުރުންވެސް، އޮބާމާގެ ސަރުކާރުގައި ވެފައިވާ އެއްބަސްވުންތައް އުވާލުމަކީ ޓްރަމްޕްގެ އާދައެއްކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން، މަޤާމާ ހަވާލުވުމަށްފަހު ހަފްތާއެއްގެ ތެރޭގައި ޓްރާންސް ޕެސިފިކް ޓްރޭޑް އެއްބަސްވުން އުވާލުމާއި ޕެރިސް އެއްބަސްވުމުން ވަކިވުން ފާހަގަކޮށްލެވެއެވެ.

ނަތަންޔާހޫއާ އެއްބައިވުން

އީރާނާއި އިސްރާއިލަކީ އަބަދުވެސް ކަނޑިއާއި ކަނޑި ނުވަތަ އެތައް ދެބަސްވުންތަކެއްގެ ތެރޭގައި އޮންނަ ޤައުމުތަކަކަށްވުމުން، މި ނިންމުމަކީ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެއްބައިވުމަށް ޓްރަމްޕް ކޮށްފައިވާ ކަމެއްކަމަށް ވުން އެކަށީގެންވެއެވެ.

އެކަން ވެރިކަމަށް ހަވާލުވުމުގެ ކުރިންވެސް ޓްރަމްޕް މީޑިޔާތަކުގައި ދައްކާފައިވާ ވާހަކަތަކުންނާއި މިހާރުވެސް ދައްކަމުންދާ ބައެއް ވާހަކަތަކުން އެނގެއެވެ. ހަމައެހެންމެ، ޓްރަމްޕަކީ، އެމެރިކާގެ އެހެން ރައީސުންނަށްވުރެ އިސްރާއިލާ ރަޙުމަތްތެރި ރައީސަކަށްވުންވެސް މިކަމަށް ބާރުދެއެވެ.