ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 22000 މީހުން ފައްސިވެ، މި ބަލީގައި އިތުރު 444 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 22,721 މީހަކަށް އަލަށް ބަލި ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ފަހަރެވެ.

އިދާރާތަކުން ބުނާގޮތުން، އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން އިތުރު 444 މީހަކު މަރުވެފައިވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއްދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.

އިއްޔެ އިންޑިއާއިން އިތުރު ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، މަރުވުމުން އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 627,168 އަށް އަރާފައެވެ. އަދި އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18,225 އަށް އަރާފައެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވެފައިވާއިރު، އެޤައުމަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް ވެއެވެ. އެގޮތުން މިހާރު އިންޑިއާގައި ކޮވިޑަށް ފަރުވާދޭ 236,901 މީހުންގެ ތެރެއިން 8,944 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އިންޑިއާގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ބިރު އެބައޮތެވެ. އިންޑިއާ އަކީ ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ. އިންޑިއާއަކީ މިވަގުތު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ޤައުމުވެސް މެއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު