ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ ހަށިގަނޑު "ބާބަކިއު" ހެދިކަމަށް ލަފާކުރެވިއްޖެއެވެ. ކުރިން ލަފާކުރެވިފައި އޮތީ ޚަޝޯޤީ މަރާލުމަށްފަހު ކެމިކަލެއް އަޅައިގެން އޭނާގެ ހަށިގަނޑު ނައްތާލީ ކަމަށެވެ.

ޚަޝޯޤީ މަރާލި މައްސަލައިގައި ތުރުކީ ކޯޓެއްގައި އިއްޔެ ވަނީ ޝަރީޢަތް ފަށާފައެވެ. ސައުދީ އަރަބިއްޔާގެ 20 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަނީ ތުހުމަތު ކުރެވޭ މީހުންގެ ޣައިރު ހާޒިރުގައެވެ. އެއީ އެމީހުން ތުރުކީ އާއި ހަވާލު ކުރަން ސައުދީ އަރަބިއްޔާ އިން ދެކޮޅު ހަދާފައި ވާތީއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޚަޝޯޤީ މަރާލިއިރު ސައުދީ ކޮންސިއުލޭޓްގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރި ޒެކީ ޑެމީރް އިއްޔެ ކޯޓުގައި ހެކިބަސް ދެމުން ބުނީ ޚަޝޯޤީ ކޮންސިއުލޭޓަށް ވަނުމާއި އެކު އަވަނުގައި އަލިފާން ރޯކޮށް، ބާބަކިއުއައް ތައްޔާރު ކުރަން ކޮންސިއުލޭޓްގައި ތިބި ސައުދީގެ ބަޔަކު އޭނާ އަށް އެންގިއެވެ.

އަވަނަކީ ކޮންސިއުލޭޓާއި ޖެހިގެން ކޮންސިއުލާ ޖެނެރަލް ދިރިއުޅުއްވުމަށް ކުއްޔަށް ހިފާފައި ހުރި ގޭގެ ގޯތިތެރޭގައި ހުރި ބޮޑު އަވަނެކެވެ. އަވަނުގައި އަލިފާން ރޯކުރަން އެންގިއިރު އެތަނުގައި ފަސް މީހުން ނުވަތަ ހަމީހުން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

ޑެމިރީ ބުނީ ވަރަށް ގިނަ އޫތަކަކަށް މަސްތަކެއް އަމުނައިގެން ގެނެސް، އަވަނަށްލި މަންޒަރު ވެސް އޭނާ އަށް ފެނުނެވެ. އަދި ބާބަކިއު ނިމުމުން ކެމިކަލެއް އަޅައިގެން އަވަން ދޮވުނު ކަމަށާއި، އެޅި ކެމިކަލްގެ ސަބަބުން އަވަނުގެ ކުލަ ވެސް ބަދަލުވި ކަމަށް އޭނާ ބުންޏެވެ.

ކޮންސިއުލޭޓްގެ ޑްރައިވަރަކު ކިޔައިދިން ގޮތުގައި ރޮލާއި ހުރި ގެރިމަސްތަކެއް، ކޮންސިއުލޭޓްގެ އޮފިޝަލުން ބުނެގެން އޭނާ އެދުވަހަކު ކޮންސިއުލޭޓަށް ގެނެސްދިނެވެ.

އޮފިޝަލުން ލަފާކުރާ ޚަޝޯޤީގެ ހަށިގަނޑު އަންދާލިއިރު، އެކަން ފޮރުވުމަށް ގެރިމަހުން ވަނީ ބާބަކިއު ހަދާފައެވެ.

ޚަޝޯޤީގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތް ކުރުމަށްފަހު ނައްތާ ނުލެވި ހުރި ހަށިތައް ކޮންސިއުލޭޓުން ބޭރަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ޚަޝޯޤީގެ ހަށިގަނޑުގެ އެއްވެސް ބައެއް އަދި އެއްވެސް ކަށިކޮޅެއް ވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ.