އިންޑިއާ އިން މިއަދު މިހާތަނަށް ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ފައްސިވެ، އަދި މަރުވެއްޖެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއަދު އިންޑިއާ އިން 22806 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 610 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި، އަދި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން އިންޑިއާ އިން މަރުވި ދުވަހެވެ.

އިންޑިއާ ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބީ 235433 މީހުންނެވެ. އިންޑިއާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން 394226 މީހުން މިހާރު ބަލިން ރަނގަޅު ވެއްޖެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެގައުމުން މިހާތަނަށް މަރުވީ 18655 މީހުންނެވެ.

ނަމަވެސް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ސަރުކާރުން އިއުލާން ކޮށްފައިވާ ރަސްމީ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުވާނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިންޑިއާ އިން ކުރިން އެޅި ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. ބައެއް ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި އިންޑިއާގައި ކޮވިޑް-19 ޕީކަށް ދާނީ ޖުލައި މަސް ނިމޭއިރުއެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެމުން ދާތީ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ދިނުމަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ހޮސްޕިޓަލްތައް ތޮއްޖެހިފައިވާ ސްޓޭޓްތަކުގެ ތެރޭގައި ވެރިރަށް ނިއުދިއްލީ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު