ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ފަރުވާދޭ މީހުންނަށް ފަރުވާ ކުރުމުގައި އިންޑިއާއިން އުފައްދާ މެލޭރިއާ ބޭސް، ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންކުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްޓާލައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ މި ބޭހުގެ އިތުރުން އެޗްއައިވީ އަށް ފަރުވާކުރާ ބޭސްވެސް ކޮވިޑް ޖެހިފައިވާ މީހުންނަށް ދިނުން ހުއްޓާލުމަށް ނިންމާފައެވެ.

ސިއްޙަތު ޖަމިއްޔާއިން މި ބޭސްތައް ބޭނުންކުރުން ހުއްޓާލައި އެކަން ރަސްމީކޮށް ހާމަކޮށްފައި މިވަނީ، މި ބޭސްތަކުން ކޮވިޑް-19 ގެ ހާލަތަށް އެދެވޭ ބަދަލެއް އަންނަކަން ނުހޯދުމުންނެވެ. އެ ޖަމިއްޔާއިން މީގެ ކުރިން ވަނީ މި ބޭސްތަކުން ކޮވިޑް-19 އަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް ޓެސްޓުވެސް ހަދާފައެވެ.

މި ނިންމުމާއެކު ޑްބްލިއުއެޗްއޯ އިން ވަނީ ހައިޑްރޮކްސީކްލޮރޯކްއީން އާއި އެޗްއައިވީގެ ބޭސް، ކޮވިޑަށް ފަރުވާ ކުރުމަށް ޤައުމުތަކުން ބޭނުން ނުކުރުމަށް އިރުޝާދު ދީފައެވެ. ނަމަވެސް މި ބޭސް ހިމަނައިގެން ކޮވިޑް-19 ގެ ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މި ނިންމުމާއި ގުޅިގެން ހުރަހެއް ނެތެވެ.

މެލޭރިއާ ބޭހާއި އެޗްއައިވީ ބޭސް ކޮވިޑަށް ފަރުވާ ކުރުމަށް ބޭނުންކުރުން ޑަބްލިއުއެޗްއޯ އިން ހުއްޓާލާފައި މިވަނީ، މި ބޭހުގެ ޓެސްޓުތައް ކުރިޔަށްގެންދިއުން ވެސް ކުރިން ހުއްޓާލާފައި ވަނިކޮށެވެ. އެ ޖަމިއްޔާއިން މީގެ ކުރިން ބުނެފައި ވަނީ، އެ ބޭހުގެ ސަބަބުން ސިއްހީ އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވާ ބޭހެއް ކަމަށް ގިނަ ދިރާސާތަކަކުން ދައްކާތީ، އެއީ ކޮވިޑް-19 އަށް ބޭނުން ކުރުން އެކަށީގެންވާ ބޭހެއްތޯ ބެލުމަށް ޓެސްޓް ކުރުމުގެ ބޭނުމެއް ނެތްކަމަށެވެ.

މިހާތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ހައިޑްރޮކްސީކްލޮރޯކްއީންގެ ސަބަބުން ހިތުގެ ގިނަ މައްސަލަތަކެއް ދިމާވެއެވެ. އަދި އެބޭސް ދީފައިވާ ގިނަ މީހުން ކޮވިޑް-19 ގައި މަރުވެފައިވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. އަދި މިހާތަނަށް ކުރި އެއްވެސް ރަސްމީ ކްލިނިކަލް ޓްރިއަލް އަކުން ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރަނގަޅު ބޭހެއް ކަމަށް ދައްކާފައެއް ނުވެއެވެ.

ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ އެންމެ ގިނައިން ވާހަކަ ދައްކާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ނަމަވެސް ޓްރަމްޕް ވެސް ފަހުން ބުނެފައި ވަނީ އޭނާ ވެސް ދެން އެބޭހުގެ ވާހަކަ ނުދައްކާނެ ކަމަށާއި، ބޭހުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް ނުގެނެވޭ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އޭނާ ކައިރީ ބުނެފައިވާ ކަމަށެވެ.

ކޮވިޑްގެ ބަލި މީހުންނަށް މި ބޭހުން ނުރަނގަޅު އަސަރުތައް ކުރާތީ މީގެ ކުރިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް މި ބޭސް ބޭނުން ކުރުން ހުއްޓުވާފައި ވެއެވެ.

ހައިޑްރޮކްސީކްލޮރޯކްއީންގެ 50000 ގުނަ އިންޑިއާ އިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފައެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެބޭސް ދިން މީހުންގެ ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.