ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޕެރޫ އިން ފައްސިވީ މީހުންގެ އަދަދު، ސްޕެއިން އަށްވުރެ އިތުރުވެއްޖެ އެވެ.

މީގެ ކުރިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންއަށްވުރެ ޕެރޫ އިން ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވެފައި މިވަނީ، މި ބަލީގެ ނުރައްކާ ޕެރޫގައި ބޮޑުވެ އިއްޔެ ވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޕެރޫ އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 3481 މީހަކު އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 299,080 އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 186 މީހަކު ހިމެނޭހެން ޕެރޫ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 10,412 އަށް އަރާފައެވެ. އެޤައުމަކީ މިހާރު ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ދިހަވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ޕެރޫ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 189,621 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެޤައުމުގައި މިހާރު މި ބައްޔަށް ފަރުވާދެމުން ދަނީ 99,047 މީހަކަށެވެ. އޭގެތެރެއިން 1,210 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕެރޫ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ ހަވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އެންމެ ބޮޑުވީ މިދިޔަ މޭއި މަހުގެ ފަހުކޮޅާއި ޖޫން މަހުގެ ކުރީކޮޅުއެވެ.