މިހާރު ތަފާތު އެހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބައެއް ބޭސްތައް ކޮވިޑް-19 އަށް ބޭނުން ކުރެވިދާނެތޯ ބަލަން ކުރަމުން ގެންދާ ތަހްލީލްތައް ކުރިއަށް އޮތް ދެހަފްތާ ދުވަސް ތެރޭގައި ނިމި، އެބޭސްތަކުން ރަނގަޅު ނަތީޖާއެއް ފެންނަކަން ނުވަތަ ނޫންކަން ހޯދިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ރޭ ޖެނިވާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޑަބްލިއުއެޗްއޯ އާއި ގުޅިގެން ބޭސްތަކުގެ ދިރާސާއެއް ކުރިއަށްދާ ކަމަށެވެ.

"39 ގައުމެއްގައި ގާތްގަނޑަކަށް 5500 ވަރަކަށް ބަލި މީހުން ބައިވެރިކޮށްގެން ގުޅިފައިވާ ތަހްލީލްތަކެއް މިހާރު ދަނީ ކުރަމުން. އުއްމީދު ކުރަނީ ކުރިއަށް އޮތް ދެހަފްތާ ދުވަސް ތެރޭގައި މިތަހްލީލްތަކުގެ ނަތީޖާ ލިބި، ކޮވިޑް-19 އަށް ބޭނުން ކުރަން ރަނގަޅު ބޭހެއް ދެނެގަނެވޭނެ ކަމަށް. ދިރާސާގެ ނަތީޖާ ރަނގަޅު ވެއްޖެނަމަ އެއީ މިބައްޔަށް ހޯދޭ ބޭހަކަށް ވާނެ." ޓެޑްރޯސް ވިދާޅުވިއެވެ.

މިތަހްލީލްތައް ކުރިއަށް ގެންދަނީ ފަސް މަރުހަލާއަކަށް ބަހާލައިގެންނެވެ. މެލޭރިއާ ޖެހުމުން ބޭނުން ކުރާ ބޭހެއް ކަމަށްވާ ރެމްޑެސިވިއާ އާއި ހައިޑްރޯކްލޮރޯކްއިން ނަމަކަށް ކިޔާ ބޭހަކާއި އެޗްއައިވީ އަށް ބޭނުން ކުރާ ދެބޭހެއް އަދި، ބައެއް ބޭސްތައް އެއްކޮށްލައިގެން ބޭސް ދިނުމުން ނިކުންނަ ނަތީޖާ މިތަހްލީލްގައި ބަލާނެއެވެ.

ޑަބްލިއުއެޗްއޯގެ އެމަޖެންސީ ޕްރޮގްރާމްގެ އިސްވެރިޔާ މައިކް ރަޔަން ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ލަފާކުރެވޭތީ މިހާރު ހުރި ބޭސްތައް ބޭނުން ކޮށްގެން މިބައްޔަށް ފަރުވާއެއް ލިބޭތޯ ބެލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސައިންސްވެރިން ގެންދަނީ ކުރަމުންނެވެ. މިހާރު 18 ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަމުން އެބަގެންދެއެވެ. ނަމަވެސް ވެކްސިނެއް އުފެއްދުމަކީ ދިގު މަރުހަލާތަކެއް ހިމެނޭ ބުރަ މަސައްކަތަކަށް ވާތީ ބޭނުންވާ އަވަސް މިނުގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރެވޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންނި

    ކަލޭމެން ދައްކާވާހަކަ ނުވާނެ ދުވަހަކުވެސް ގަބޫލް ކުރާކައް ދުވަހަކުވެސް ތެދެއް ނަހަދާނެ.

    8
    8
  2. އަހްމަދު

    އަލްޙަމްދުލިﷲ! ވަރަށްވެސް އުފާވެރި ޙަބަރެއް!

    27
    • ަޒަމްޒަން

      އެއީ މަމެންގެ މީހުން އުފެއްދި ބޭހެއް

      1
      1
  3. ޢަހޫ

    ތީބޮޑުމުސާ ރަކައިގެން ރިލެކްސްމޯޑުގަ ތިބޭބައެއް.

    9
    2
  4. ރާއްޖެ

    ހައިޑްރޮކްސިކްލޯރޯކުއިންގެ ސްޓަޑީތައް ޑަބްލިއު އެޗް އޯ އިން ވަނީ ހުއްޓާލާފަ. ޢެއީ ކޮވިޑަށް ބޭނުން ތެރި ބޭހެއް ނޫން. އިންޑިއާއިން ފޯރުކޮއްދިނީ ބޭކާރު ބޭސް ތަކެއް

  5. އަޙްމަދް

    މާދަމަ ބުނާނެ ދެހަފްތާތެރޭ ބޭހެއް ހޯދިދަނެޔޭ ބުނެވުނީ ޢޮޅުމަކުންނެވެ.
    މީވެސް ދެފަހަރު އެކައްޗެއް ކިޔާބައެއްނޫނެވެ.