ނުރައްކާތެރި ކޮވިޑް-19 ބައްޔަށް ދުނިޔެއިން ފައްސިވި މީހުންގެ އަދަދު 11.4 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 11,404.116 އަށް އަރާފައެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އިއްޔެ އެކަނި ދުނިޔެއިން މި ބަލި ޖެހިގެން 189,626 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 4,492 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 533,984 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 6.4 މިލިއަން މީހެކެވެ. މިއަދާއި ހަމައަށް މި ބަލީގައި ހަތަރު މިލިއަނަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 58,477 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން މިހާތަނަށް ޖުމްލަ 2.9 މިލިއަން މީހަކަށް ބަލި ޖެހި 132,318 މީހަކު ވަނީ މަރުވެފައެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހު ކޮޅު، ޗައިނާގެ ވުހާން ސިޓީންނެވެ. އޭގެ ފަހުން ޖެނުއަރީ މަހުގެ ތެރޭގައި ދުނިޔެގޭ އެކި ގައުމުތަކަށް މި ބަލި ވަނީ ފެތުރިފައެވެ. އެގޮތުން މިއަދާއާއި ހަމަށް 213 ގައުމަކާއި ސަރަހައްދަކަށް މި ބަލި ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު