ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޕެރޫ އިން ފައްސިވި މީހުންގެ އަދަދު ތިންލައްކައަށް އަރައިފި އެވެ.

އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު ތިންލައްކައަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކަށް އަލަށް މި ބަލި ޖެހުމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އިތުރު 3,638 މީހަކު ހިމެނޭހެން ޕެރޫ އިން މިހާތަނަށް ޖުމްލަ 302,718 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.

ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި މިހާރު ހިމެނޭ ޕެރޫއިން އިއްޔެވެސް އިތުރު ގިނަ ބަޔަކު މަރުވިއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 10,589 އަށް އަރާފައެވެ.

ޕެރޫއަކީ މިހާތަނަށް ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ދިހަވަނައަށް އެންމެ ބަޔަކު މަރުވި ޤައުމެވެ.

މިހާތަނަށް ޕެރޫއިން ބަލި ޖެހުނު މީހުންގެ ތެރެއިން 193,957 މީހަކު ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 98,172 އެވެ. އޭގެތެރެއިން 1,210 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕެރޫ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ ހަވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އެންމެ ބޮޑުވީ މިދިޔަ މޭއި މަހުގެ ފަހުކޮޅާއި ޖޫން މަހުގެ ކުރީކޮޅުއެވެ.