އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޚިލާފުވެ، އާންމު ތަންތަނުގައި މާސްކު ނާޅައި އުޅޭ މީހުން ހައްޔަރުކޮށް ކަރަންޓީނު ކުރުމަށް ނިންމައިފި އެވެ.

ލަންކާގައި މިހާރު މި އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު، އެޤައުމުގައި އިއްޔެ ވެސް މާސްކު ނާޅައި އުޅުނު 1200 އަށްވުރެ ގިނަ މީހުން ކަރަންޓީނަށް ފޮނުވާފައިވާ ކަމަށް އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޚިލާފުވާ މީހުން ކަރަންޓީނުކުރަން ލަންކާގައި ނިންމާފައި ވަނީ 14 ދުވަހުގެ މުއްދަތަށެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން ދަނީ މި އުސޫލާއި ގުޅިގެން އާންމު ތަންތަނުގައި ރައްކާތެރިކަމަށް ސަމާލުކަން ނުދީ، މިންގަނޑުތަކާއި ޚިލާފުވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. މިގޮތުން އާންމު ތަންތަނުން އަތުލައިގަންނަ މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން އިދާރާތަކުން ވަނީ ދީފައެވެ.

ލަންކާއަކީ ވެސް މި ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އޮތް ޤައުމެކެވެ. އެގޮތުން މިހާތަނަށް އެޤައުމުން ޖުމްލަ 2074 މީހަކު މި ބައްޔަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 11 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ލަންކާގައި ބަލި ފެތުރޭ މިންވަރު ވަނީ މީގެ ކުރިޔާއި އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައެވެ. އެޤައުމުގެ އިދާރާތަކުން ބުނާގޮތުން މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1903 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ލަންކާގައި ކޮވިޑަށް ފަރުވާކުރަމުން ދަނީ 160 މީހަކަށެވެ.

ލަންކާގައި ބަލި ފެތުރުން ކޮންޓްރޯލް ވެފައި އޮތުމާއެކު އެޤައުމު ފުރަބަންދުކޮށް މީގެ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ. އެގޮތުން އާންމުންނަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ އާއި ވިޔަފާރި ކުރުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ. މީގެ އިތުރުން އާ އާންމު ހާލަތެއްގައި ޤައުމު އަލުން ހުޅުވާލައި، ބައިނަލްއަޤުވާމީ ދަތުރުފަތުރު ފެށުމަށްވެސް އެޤައުމުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ު was

    ޜާއްޖޭގަވެސް ހަދަންވީމިހެން!

  2. ބަނގުބޭބޭ

    ރާއްޖޭގަ ކަލޭ ތިވައްތަރު ހަދަނީ. ދެން އަހަރެން މާޝްކު ނާޅަނީ ހިނގަނީ. 14 ދުވަޝް ޗުއްޓީ ހަދަނީ ދުވަހަކު 750 ރުފިޔާ ކަލޭ ޖީބުން ޓެކުސް ދެނީ. ހައްހައް!