މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި ދިރިއުޅެމުންދާ 6.6 މިލިއަން މީހުން ކަރަންޓީން ކުރަން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ 11:59 އިން ފެށިގެން އެ ސްޓޭޓް ކަރަންޓީން ކުރަން ނިންމާފައިވަނީ މެލްބޯންގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

މިއީ ކޮވިޑް-19 ފެތުރެން ފެށުމު ފަހުން، އޮސްޓްރެލިއާގެ އެންމެ އާބާދީ ބޮޑު ދެ ސްޓޭޓް ކަމަށްވާ ވިކްޓޯރިއާ އާއި ނިއު ސައުތްވޭލްސް ހިމެނޭ ބޯޑަރު ބަންދު ކުރާ ފުރަތަމަ ފަހަރެވެ. އެ ސްޓޭޓް ބަންދުކޮށް ފުލުހުންނާއި، ސިފައިން ދާނީ ބޯޑަރު ލައިންގައި ހަރަކާތްތެރިވަމުންނެވެ.

އަދި މިގޮތަށް އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދާން ބޭނުންވާ މީހުންނަށް ދެވޭނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވިކްޓޯރިއާގައި ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް) އިތުރުވެ، ދެވަނަ ރާޅެއްގެ ބިރުވެރިކަމާއި އޮތީ ކުރިމަތިލާފައެވެ. އެހެންވެ ބަލި މުޅި ގައުމަށް ފެތުރިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފައެވެ. މިދިޔަ ހަފްތާ ތެރޭގައި މަލްބޯންގެ ކޮންޓްރެކްޓަށް މަސައްކަތް ކުރާ ބަޔަކު ކޮވިޑް-19ގެ ޕްރޮޓޮކޯލްއަށް ފޮލޯ ނުކޮށް، އެ ގައުމަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުން ކަރަންޓީން ކުރުމަށް ތައްޔާރުކޮށްފައިވާ ހޮޓަލެއްގައި، ފުރަބަންދު ތެރޭގައި އެކި މީހުންނާއި ޖިންސީ ގުޅުން ހިންގި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މިދިޔަ އާދީއްތަ ދުވަހު ވިކްޓޯރިއާއިން އެކަނިވެސް 127 އާ ވޭދަނަ ފެނިފައި ވެއެވެ. މީގެ ތެރެއިން 16 މީހަކު ފެނިފައި ވަނީ ޕަބްލިކް ހައުސިންގ ޓަވަރުންނެވެ.

ވިކްޓޯރިއާގައި 2663 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި އެ ސްޓޭޓުން 22 މީހަކު ވަނީ މަރުވެފައެވެ.

އޮސްޓްރޭލިއާގެ ހާލަތަށް ބަލާއިރު، އެ ގައުމުން 8500 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވެެއެވެ. އަދި އެ ބަލީގައި 106 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު