އިސްރާއީލުގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާފައި، އެ ގައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.

އިސްރާއީލުގައި މިހާރުވެސް ހަލުވިކަމާއެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުން 30,162 މީހަކު ވަނީ ކޮވިޑް-19 މިބައްޔަށް ފައްސިވެފައެވެ. އަދި 332 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

އެ ގައުމުން ކޮވިޑް-19 ހެދި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކަށް ބަލާއިރު، ގިމްތަކާއި، އާއްމު ޕޫލްތައް އަނެއްކާވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އަޅުކަން ކުރާ ތަންތަނަށްވެސް އެއްފަހަރާ ވަދެވޭނީ 19 މީހުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ރެސްޓޯރެންޓްތަކަށް މީހުން ވަދެވޭ މިންވަރުވެސް ވަނީ ލިމިޓްކޮށްފައެވެ. އެގޮތުން ބަންދުކޮށްފައި ހުރި ރެސްޓޯރެންޓެއް ނަމަ އެތަނަށް އެންމެ ގިނައިން ވަދެވޭނީ 20 މީހުންނަށް ކަމަށް ވަނީ ބުނެފައެވެ. އަދި އޮޕެން އެއާ ރެސްޓޯރެންޓެއް ނަމަ އެތަނުގައި 30 މީހުންނަށް ތިބެވޭއިރު، އިޖްތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކަނި އެ ގައުމުން 1000 އަށް ވުރެ ގިނަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މީގެ ހަފްތާއެއްހާ ދުވަސް ތެރޭގައި ދުވާލެއްގެ މައްޗަށް ރެކޯޑް ކުރެވެނީ 800 އެއްހާ ވޭދަނަ (ކޭސް)އެވެ.

ކިޔުންތެރިންގެ ހިޔާލު