ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އަށް ފުރަތަމަ ލިބިފައި ވަނީ ޗައިނާގެ ރަސްމީ އިދާރާތަކުން ކަމަށް ޑަބްލިއުއެޗްއޯގެ ޓައިމްލައިންގައި ކުރިން ބުނެފައި އޮތް ނަމަވެސް އެއިބާރާތް ބަދަލުކޮށް ފުރަތަމަ ކޮވިޑް-19 ކޭސްގެ މައުލޫމާތެއް ޑަބްލިއުއެޗްއޯ އަށް ލިބުނީ އިންޓަނެޓުން ކަމަށް ޓައިމްލައިންގައި ލިޔެފިއެވެ.

މިހާރު ޑަބްލިއުއެޗްއޯގެ ޓައިމްލައިން ބުނާ ގޮތުގައި ޗައިނާގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހަށް ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ފުރަތަމަ ލިބުނީ ވޫހާން މުނިސިޕަލް ހެލްތު ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނަކުންނެވެ. އެބަޔާނުގައި އޮތީ ތަފާތު ނިއުމޯނިއާއެއް ފެތުރެމުންދާ ވާހަކައެކެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ޗައިނާ އިން ފުރަތަމަ ސިއްރު ކުރި ކަމަށް އެމެރިކާ އާއި، ޗައިނާގެ ސިޔާސަތުތަކާއި ދެކޮޅު ބައެއް އެހެން ގައުމުތަކުން މީގެ ކުރިން ވެސް ބުނެފައި ވެއެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އަންނަނީ ކޮވިޑް-19 ގެ މައުލޫމާތު ޗައިނާ އިން ވަރަށް ފުރިހަމައަށް ފޯރުކޮށްްދިން ކަމަށް ބުނެ ޗައިނާ ދިފާއު ކުރަމުންނެވެ.

ޑަބްލިއުއެޗްއޯ އިން މިހާރު ބުނާ ގޮތުގައި ވޫހާން މުނިސިޕަލް ހެލްތު ކޮމިޝަންގެ ބަޔާން އެޖަމިއްޔާ އަށް ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަހު އެވެ. އެބަޔާން ފެށުމުން ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19 އާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ޗައިނާގެ ރަސްމީ އިދާރާތަކުގައި އެދިފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އަށް މައުލޫމާތު ލިބުނީ އޭގެ ތިން ދުވަސް ފަހުން ޖަނަވަރީ މަހުގެ 03 ވަނަ ދުވަހު އެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރުނީ ޗައިނާގެ ވޫހާންގައި ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް ޗައިނާ އަށް ވުރެ ކުރިން އެހެން ގައުމުތަކުގައި ވައިރަސް ފެތުރިފައި އޮތް ކަމަށް ބާރުލިބޭ ހެކިތައް މިހާރު ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު