ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދަތުރުކުރުން ރައްކާތެރި ކަމަށް އިނގިރޭސިވިލާތުން ކަނޑައެޅި ލިސްޓުގައި ލަންކާ ނުހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިނގިރޭސިވިލާތުން މި ލިސްޓު އާންމު ކޮށްފައި ވަނީ، މީގެ ކުރިން އެޤައުމަށް ދަތުރުކުރާ މީހުންގެ ތެރެއިން ކަރަންޓީނުވާން ނުޖެހޭ ޤައުމުތައް ކަނޑައެޅިއިރު ވެސް ލަންކާ ނުހިމަނައި ވަނިކޮށެވެ.

އިނގިރޭސިވިލާތުން ރައްކާތެރި ކަމަށް ކަނޑައެޅި ލިސްޓުގައި ލަންކާ ހިމެނިފައި ނުވާއިރު، އެ ލިސްޓުގައި ހިމެނެނީ ޔޫރަޕްގެ ޤައުމުތަކާއި އެމެރިކާ އަދި އޭޝިއާ ޕެސިފިކް އާއި އެފްރިކާގެ ޤައުމުތަކެވެ.

އިނގިރޭސިން ދަތުރުކުރުމަށް ރައްކާތެރި ކަމަށް ކަނޑައެޅި ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ އާއި ނިއުޒިލޭންޑާއި ސިންގަޕޫރާއި ފްރާންސާއި، އިޓަލީގެ އިތުރުން ޖަރުމަންވިލާތް ހިމެނެއެވެ. އަދި މިމަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން 50 އަށްވުރެ ގިނަ ޤައުމުގެ މީހުންނަށް، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް އިނގިރޭސިވިލާތަށް ދަތުރުކުރެވޭނެކަން ވެސް އެޤައުމުން ވަނީ ހާމަކޮށްފައެވެ.

އިނގިރޭސިން ދަތުރުކުރުމަށް ލަންކާއަކީ ރައްކާތެރި ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައި ނުވުމުން އެޤައުމުގެ ބައެއް އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިނގިރޭސިވިލާތުގެ ލިސްޓުގައި ލަންކާ ނުހިމެނި މިވަނީ، އެޤައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ ކަމާއި، މި ބަލި މިހާރު މުޖުތަމަޢުގެ ތެރޭގައި ވެސް ފެތުރެމުން ނުދާކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާއިން ކޮވިޑް ޖެހުނު މީހުންނާއި މި ބަލީގައި މަރުވި މީހުންގެ އަދަދު ރާއްޖެއަށްވުރެ ވެސް މަދެވެ. އިއްޔެ ފައްސިވި އެކަކު ހިމެނޭހެން މިހާތަނަށް ލަންކާއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 2077 މީހެކެވެ. އޭގެތެރެއިން މިހާތަނަށް މަރުވީ 11 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު