ޓެސްޓު ކުރުމަކާއި ނުލައި، ނުރައްކާތެރި ކޮވިޑް-19 ގެ ބަލި ޖެހި ނެތްކަމަށް ދައްކައިދޭ "ފޭކް" ރިޕޯޓްތަކެއް އަވައްޓެރި އިންޑިއާގެ ހޮސްޕިޓަލަކުން ވިއްކަމުން ދިޔަ މައްސަލައެއް ފަޅާއަރައިފި އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، އެޤައުމުގެ އުއްތަރ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ މީރަތުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އޮފިޝަލަކު "ފޭކް" ރިޕޯޓް ވިއްކުމާއި ގުޅޭ މަޢުލޫމާތުތައް ބަޔަކާއި ޙިއްސާކޮށް ފައިސާގެ މުޢާމަލާތް ހިންގި މަންޒަރު ފެންނަ ވީޑީއޯއެއް އާންމުވުމާއި ގުޅިގެންނެވެ. މި ވީޑިއޯއިން ފެންނަނީ ހޮސްޕިޓަލުގެ އޮފިޝަލް، ބަލި މީހަކު ކޮވިޑް-19 އަށް ނައްސިކަން އަންގައިދޭ "ފޭކް" ރިޕޯޓެއް ތައްޔާރުކޮށްދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކާ މަންޒަރެވެ. އެނގިފައިވާ ގޮތުން އޮފިޝަލް އެ ރިޕޯޓު ތައްޔާރުކޮށްދޭން އުޅުނީ ހޮސްޕިޓަލަށް ނުވެސްގެންދާ، ބަލި މީހަކަށެވެ.

ވީޑިއޯއިން ހާމަވާގޮތުން އެ ހޮސްޕިޓަލުން "ފޭކް" ލިޔުން ވިއްކަނީ 2500 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 550 ރުފިޔާ) އަށެވެ. ފައިސާ ދިނުމުން ކޮވިޑަށް ނައްސިކަން އަންގައިދޭ ލިޔުން ތައްޔާރުކޮށްދީ، މީރަތުގައި ހިންގާ ސަރުކާރުގެ ދެ ހޮސްޕިޓަލުގެ ތެރެއިން ހޮސްޕިޓަލެއްގެ ރަސްމީ ސްޓޭމްޕް ޖަހައިދޭނެ ކަމަށް އޮފިޝަލް އެއްބަސް ވެއެވެ. އެއާއެކު ބަލި މީހާގެ ފަރާތުން އޭނާ އާއި ބައްދަލު ކުރި މީހުން އޭނާގެ އަތަށް ފައިސާ ދޭމަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މިހާރު ދައުރުވަމުންދާ ވީޑީއޯގައި ހޮސްޕިޓަލްގެ އޮފިޝަލް ވަނީ، ފޭކު ރިޕޯޓް ބަލާ ދިޔުމުގެ ކުރިން އޭނާ އަށް ގުޅުމަށާއި، އަދި ރިޕޯޓް ބަލާ ދާއިރު ބަލި މީހާ ހޮސްޕިޓަލަށް ނުގެންދިޔުމަށް މި މުޢާމަލާތް ހިންގި ފަރާތްތަކަށް ޝަތުރުކޮށްފައެވެ.

މީސްމީޑިއާގައި މިހާރު މި ވީޑިއޯ ދައުރުވެ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް ވަނީ އަމާޒުވެފައެވެ. އަދި އިންޑިއާގައި ހިންގަމުންދާ މިފަދަ ކަންކަމުގެ ސަބަބުން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިދާނެތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާދިސާ ފަޅާއަރައި ވީޑިއޯ އާންމުވުމާއެކު އިދާރާތަކުން ވަނީ މި މައްސަލަ ތަހުޤީޤު ކުރަން ފަށާފައެވެ. އަދި މީތަރުގެ ކޯޓުން ވަނީ މި އަމަލު ހިންގަމުން ދިޔަ ޕްރައިވެޓް ހޮސްޕިޓަލް ބަންދުކޮށް، އެތަނަށް ދޫކޮށްފައިވާ ލައިސެންސް ބާތިލު ކުރުމަށް އިދާރާތަކަށް އަންގާފައެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން މީރަތުގައި ހުންނަ އިންޑިއަން މެޑިކަލް އެސޯސިއޭޝަންސް (އައިއެމްއޭ) އިން ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުންދޭ މިފަދަ ޤަވާއިދާ ޚިލާފު ޚިދުމަތްތައް ބަލައި ތަހުޤީޤު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ގޮވާލާފައެވެ. އަދި ސިއްޙީ ދާއިރާއިން ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަނުވާ ފަރާތްތަކަށް މިފަދަ ރިޕޯޓްތައް ހެދުމުގެ ފުރުސަތު ނުދިނުމަށް ވެސް އައިއެމްއޭ އިން ވަނީ ގޮވާލާފައެވެ.

އިންޑިއާގެ ހޮސްޕިޓަލަކުން ކޮވިޑް-19 ނެތްކަން ހާމަކޮށްދޭ ފޭކް ރިޕޯޓުތަކެއް ވިއްކަމުންދިޔަކަން ފަޅާއަރާފައި ވާއިރު އެޤައުމަކީ މިވަގުތު ދުނިޔެއިން ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ޤައުމެވެ. އެގޮތުން ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އަށްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާ އެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު 720,346 އަށް އަރައެވެ. އަދި މި ބަލީގައި މިހާތަނަށް ވިހި ހާހަށްވުރެ ގިނަ މީހުން އެޤައުމުން ވަނީ މަރުވެފައެވެ. އިންޑިއާއަކީ ކޮވިޑް-19 ޖެހިގެން ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖައުފަރު

  އެމެ ޑީ ޕީ ބައިގަނޑު ދެން އަތް ޖަހާ ކަލޭމެންގެ ގެެރި މޯޑީ އިންޑިއާ ގެ ޙާލަތު

  17
  1
 2. އައްބޭބެ

  ތިޔަ އިންޑިޔާއިން އެބަހުރި ނެތް ބަލިބަލީގެ ބޮޑެތި އޮޕަރޭޝަންތައްކޮށް ގުނަވަން ނަގާފައި. މި ލަނޑު އެންމެ ގިނައިން ލިބިފައިހުންނާނީ ދިވެހިންނަށްކަން ޔަގީން. މަވެސް ކިރިޔާ އެއް ކިޑުނީ ފޭލްވެފައޭ ކިޔާ އޮޕަރޭޝަން ނުކުރީ. އިތުރު ތަނަކަށް ދެއްކިކަމުން ސަލާމަތްވީ.

  17
 3. އެތަކުރު

  އެއްގޮތަކަކަކަށްވެސް އެއްވެސް ކަމެއްގަ މިމީހުންނަށް އިތުބާރުކުރަން ހެޔޮނުވާނެ.

 4. މޯދީ

  އިންކްރެޑިބްލް ބަޓް އަން ބަލިވްބަލް އިންޑިޔާ!

 5. އެމަންޖެ

  މީ އަންނިމެން ބޭނުންވާ މިނިވަން ކަމަކީ.