ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު ހަތްލައްކައަށް އަރައި، މި ބަލީގައި މަރުވި މީހުންގެ އަދަދު 20,000 އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 720,346 އަށް އަރާފައެވެ. މީގެ ތެރެއިން 22,510 މީހަކު ފައްސިވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިއްޔެ އެކަނިވެސް 474 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 20,174 އަށް އަރައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އަދި އެޤައުމަކީ މި ބަލީގައި ދުނިޔެއިން އަށްވަނައަށް އެންމެ ގިނަ ބަޔަކު މަރުވެ، ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެ 15,259 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 440,150 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި މިހާރު ފަރުވާކުރަމުންދާ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ. އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަކަރުވެރިން

    ހުސްދޮގު..ދުނިޔެ ކުރިމަތީގައި ދެރަނުވާންވެގެން އަބަދުވެސް ތި އިންޑިއާ މަސައްކަތް ކުރާނެ..ތަޖުރިބާކާރުން ބުނާގޮތުގައި ކޮވިޑް19 ޖެހިފައި ތިބިމީހުން މިލިއަނަކަށްވުރެގިނަވާނެ..މަރުވިމީހުން ލައްކައަކަށް
    ވުރެގިނަ ވާނެ...ފޮރުވަނީ ކަންކަން