ކޮވިޑް-19 ފެތުރެމުންދާ މި ދުވަސް ވަރުގައި ހައްޖުގެ އަޅުކަމަށް މައްކާއަށް ދާން ނިންމައިގެން ތިބި މީހުން އަމަލު ކުރަން ޖެހޭނެ ހާއްސަ އުސޫލުތަކެއް ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާއްމުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު އެ މިނިސްޓްރީން ވަނީ އެ އުސޫލުތައް އާއްމުކޮށްފިއެވެ.

މި އަހަރު ހައްޖުގެ އަޅުކަމަށް އިސްކަން ދޭން ނިންމާފައި ވަނީ ސައުދީގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ މީހުންނަށެވެ. އެގޮތުން ސައުދީގައި ދިިރިއުޅެމުންދާ އެހެން ގައުމުތަކުގެ މީހުންނަށް އެ ފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެ ގައުމަށް ނިސްބަތްވާ މީހުންގެ ތެރެއިން ހައްޖަން ދާން ބޭނުންވާ މީހުން ވާން ވާނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުުންނާއި ސެކިއުރިޓީ ފޯސްގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޮވިޑް-19ގެ ބަލިން ރަނގަޅުވެފައިވާ މީހުންނަށެވެ. އަދި މިގޮތަށް ހަމަޖައްސާފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް އެ މީހުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށްވެސް ވެއެވެ.

އެގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ މީހުންނާއި ގުޅޭ މައުލޫމާތުތައް އެއްކޮށްފައި ހުންނާނެއެވެ. އަދި އެ މީހުންނަށް ބަލި ޖެހުނުތޯ އާއި ބަލިން ރަނގަޅުވެފައިވޭތޯ ބަލަމުންދާނެއެވެ.

ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ނުވާ މީހުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ބޮޑަށް ލިބޭއިރު،އެ މީހުންވާން ވާނީ އުމުރުން 20 އަހަރާއި 50 އަހަރާއި ދެމެދުގެ ސައުދީގައި އުޅެމުންދާ މީހުންނަށެވެ. އެހެންނަމަވެސް އެ މީހުން މި ކްރައިޓީރިއާތަކަށް ފޮލޯ ކުރަން ޖެހޭނެއެވެ.

  • އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ހުރެގެން ނުވާނެ.
  • ޓެސްޓު ރިޒަލްޓް ނައްސި ކަމަށް ދައްކާ ޕީސީއާރް ޓެސްޓު ހެދި ކަމުގެ ސެޓްފިކެޓެއް އޮންނަން ޖެހޭނެ
  • ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި އޮވެގެން ނުވާނެ.
  • މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ކަރަންޓީން ޕީރިއަޑް ފުރިހަމަ ކުރަން ޖެހޭ. (ހައްޖުގެ އަޅުކަމަށް ދިއުމުގެ ކުރިންވެސް، އަދި ފަހުންވެސް)

މި އުސޫލަށް އަމަލު ކުރެވޭނެ މީހުންނަށް މިހާރު ހައްޖަށް ދިއުމަށް ރަޖިސްޓަރ ވުމަށް ފުރުސަތު އޮންނާނެއެވެ. އެ ފުރުސަތު ޖުލައި ހަަވަނަ ދުވަހުން ފެށިގެން ޖުލައި 10 ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެއެވެ.

އެ މިނިސްޓްރީން ބުނީ،ހައްޖަށް ދެވޭނެ އެ ގައުމުން ބޭރު މީހުން ކަނޑައަޅާނީ ވަކި ތަރުތީބެއް ނެތި ކަމަށެވެ.