އެމެރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ދެމެދު އޮތް ހުރިހާ ގުޅުމެއް ރަސްމީކޮށް ކަނޑާލައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން އަމަލު ކުރަމުން ގެންދާ ގޮތް ކުށްވެރިކޮށް އެމެރިކާ އިން ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލަން ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރީ މިދިޔަ މާޗް މަހުއެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ގުޅުން ރަސްމީކޮށް ކަނޑާލައި، ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށް ނިންމާފައި ވަނީ މިއަދު އެވެ.

އެމެރިކާގެ ސެނެޓް މެންބަރެއް ކަމަށްވާ ބޮބް މެނެންޑެޒް ވަނީ އެމެރިކާ އިން ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލުމުގެ ކަންކަން ރަސްމީކޮށް ނިމިފައިވާކަން ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

1948 ވަނަ އަހަރު އުފެއްދި ޖަމިއްޔާ އާއި އަލުން އެމެރިކާ އިން ގުޅެން ބޭނުންވި ނަމަވެސް ދެން އެޖަމިއްޔާގެ މެންބަރަކަށް އެމެރިކާ އަށް ވެވޭނީ އެއްއަހަރު ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހުއެވެ.

އެމެރިކާ އިން ޑަބްލިއުއެޗްއޯ އާއި ވަކިވާން ނިންމުމުން ޓްރަމްޕަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެމެރިކާ އިން ޑަބްލިއުއެޗްއޯ އާއި ވަކިވުމުން އެޖަމިއްޔާ އަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހޭނެއެވެ. އެމެރިކާ ސަރުކާރަކީ ކޮންމެ އަހަރަކު ވެސް ޑަބްލިއުއެޗްއޯ އަށް އެންމެ ގިނަ ފައިސާ ދޭ ގައުމެވެ. ޑަބްލިއުއެޗްއޯ އަށް ލިބޭ ފައިސާގެ 15.18 އިންސައްތަ ދެނީ އެމެރިކާ އިންނެވެ. ދެން އެޖަމިއްޔާ އަށް އެންމެ ބޮޑު އެހީއެއް ދެނީ ބިލް ގޭޓްސްގެ ފައުންޑޭޝަނުންނެވެ. އެފައުންޑޭޝަނުން ދޭ އެހީ އަކީ ޑަބްލިއުއެޗްއޯ އަށް ލިބޭ ފައިސާގެ 12 އިންސައްތައެވެ.