އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ޣާސީމް ސުލައިމާނީ އަވަހާރަކޮށްލި ހަމަލާއަކީ ޤާނޫނާއި ޚިލާފަށް ދިން ހަމަލާއެއް ކަމަށް އދ. އިން ބުނެފިއެވެ.

މިކަން ހާމަކޮށް އދ.ގެ އެކްސްޓްރާޖުޑީޝަލް، ސަމަރީ އޯ އާބިޓަރީ އެގްޒެކިއުޝަންސްގެ ޚާއްސަ ރެޕަޓުއަރ އެގްނެސް ކެލެމާޑް ވިދާޅުވީ، ސުލައިމާނީ އަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާއާއި ގުޅިގެން ހިންގާ ތަހުޤީޤަށް، މިފަދަ ހަމަލާއެއް ދިނުމަށް އެކަށީގެންވާ ވަރުގެ ހާލަތެއް މެދުވެރިވި ކަން ހާމަކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް އެމެރިކާއަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އެހެންކަމުން މި ހަމަލާ އަކީ އިންސާނީ ހައްޤުތަކާއި ޚިލާފަށް އެމެރިކާއިން ދިން ޤާނޫނާއި ޚިލާފު ހަމަލާއެއް ކަމަށް ކެލެމާޑް ވަނީ ވިދާޅުވެފައެވެ.

ކެލެމާޑް އިތުރަށް ވިދާޅުވެފައި ވަނީ، އެމެރިކާއިން ސުލައިމާނީއަށް ހަމަލާ އަމާޒުކޮށްފައި ވަނީ ކުރީބައިގައި ރާވައިގެންކަން ހާމަވާ ކަމަށެވެ. އަދި އެމެރިކާގެ ރައީސް، ޑޮނަލްޑް ޓަރަމްޕް އެ ހަމަލާއަށްފަހު ދައްކާފައިވާ ވާހަކަތައްވެސް ކެލެމާޑް ފާހަގަކުރައްވާފައި ވެއެވެ.

ސުލައިމާނީ އަވަހާރަކޮށްލި ހަމަލާއާއި ގުޅިގެން ޓްރަމްޕް ބުނެފައި ވަނީ ސުލައިމާނީއަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ނިރުބަވެރިޔާ ކަމަށެވެ. އަދި މީގެ އެތައް ޒަމާނެއް ކުރިން އޭނާ އަވަހާރަކޮށްލަން ޖެހިފައިވާ ކަމަށް ވެސް ޓްރަމްޕް ބުނެފައި ވެއެވެ.

ސުލައިމާނި އަވަހާރަކޮށްލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ޓްރަމްޕްގެ އަމުރަށް ބަޣްދާދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައެވެ.

ސުލައިމާނީގެ ބެލުމުގެ ދަށުން ހިންގި ގުދުސް ފޯސް އަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އެއް ބައެވެ. އަދި އެއީ އެޤައުމުގެ ލީޑަރު އަލީ ހުސައިން ޚަމީނީގެ ސީދާ ބެލުމުގެ ދަށުން އަދި އެމަނިކުފާނުގެ ސީދާ އަމުރުތަކަށް މަސައްކަތް ކުރާ އަސްކަރިއްޔާ އެކެވެ. ސުލައިމާނީގެ ދައުރުގައި އޭނާ ވަނީ ގުދުސް ފޯސް މެދުވެރިކޮށް މެދު އިރުމަތީގެ ޤައުމުތަކަށް އެމެރިކާއިން އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާފައި ވެއެވެ.

މެދު އިރުމަތީ ގައުމުތަކުގެ ތެރެއިން ސީރިއާއާއި އިރާގުގައި ތިބި އައިއެސް ޖަމާއަތުގެ ނިރުބަވެރިން އެ ސަރަހައްދުން ނައްތާލުމަށް ހަތިޔާރު އެޅި އެކި ޖަމާއަތްތަކަށް ތަމްރީނުކޮށް ހެދީވެސް ގުދުސް ފޯސްގެ މޭސްތިރިކަމުގެ ދަށުންނެވެ.

އީރާނުން ވަނީ އެމެރިކާއިން ސުލައިމާނީއަށް ދިން ފިނޑި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. ސުލައިމާނީގެ މަރުގެ ބަދަލު ހިފަން އީރާނުން ވަނީ އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ޤާނޫނާއި ޚިލާފު ކަންކަމަކީ ބަދަލު ދޭންޖެހޭ ކަންކަން. އެމެރިކާއިން ބަދަލުދޭން ކެރޭނެބާ؟

  2. ވިސްނާ

    ސުލައިމާނީގެ މަރުގެބަދަލް އަދި އެމަރިކާގެ ބޭސްތަކަށް މިސައިލް އަޅާލުމުންނުފުދޭ...ތީގެ ނަތީޖާ އަދި ވަރަށް ހިތިވާނެ އީރާން އާޙިރުގައި ވަރަށް ނުރައްކާތެރި ޕްލޭންތަކެއްރާވަމުން އެބަދޭ