ސައުދީ އަރަބިއްޔާގެ ޝާހީ ގަނޑުވަރުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ދީފިއެވެ.

ހޫތީން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްއްގައި އެ ޖަމާޢަތުގެ ތަރުޖަމާނު، ޔަހްޔާ ސަރީ މިކަން ހާމަކޮށް ބުނެފައި ވަނި ކުރިޔަށް އޮތީ ސައުދީއަށް ނުރައްކަލާއި ކުރިމަތިލާން ޖެހޭ ދުވަސްތައް ކަމަށާއި، އެގޮތުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުރި ޝާހީ ގަނޑުވަރުތަކަށް ހަމަލާދޭން ނިންމާފައިވާ ކަމަށެވެ.

ދެން އެންމެ އަވަހަށްދޭ ހަމަލާތައް އަމާޒުކުރާނީ ސައުދީގެ އިސް އޮފިޝަލުންނަށްކަން ހާމަކޮށް ޔަހްޔާ ވަނީ އާންމުން، ޝާހީ ގަނޑުވަރުތަކާއި ދުރުގައި އުޅުމަށް ނަސޭހަތްތެރި ވެފައެވެ. އިއްޔެގެ ނޫސް ކޮންފަރެންސުގައި ހޫތީން ހަމަލާދޭނީ ސީދާ ކޮން ގަނޑުވަރުތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހޫތީންގެ މި ވަރުގަދަ އިންޒާރާއި ގުޅިގެން ސައުދީގެ އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސައުދީގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައިވަނީ، ހޫތީންގެ ފަރާތުން އަތުވެދާނެ މިފަދަ ކޮންމެ ހަމަލާއަކަށް އެޤައުމު ތައްޔާރުވެފައިވާ ކަމަށެވެ.

ހޫތީންގެ ހަމަލާތައް ސައުދީގެ ޝާހީ ގަނޑުވަރުތަކަށް އަމާޒުކުރާނެކަން އެ ޖަމާޢަތުން ހާމަކޮށްފައި ވާއިރު، މީގެ ކުރިން ވެސް އެކި ފަހަރުމަތިން ހޫތީން ވަނީ ސައުދީގެ އެކި ސަރަޙައްދުތަކަށް ހަމަލާތައް ފޮނުވާފައެވެ. އެގޮތުން ދާދިފަހުން ސައުދީގެ ހުޅަނގުގެ ސަރަޙައްދެއްގައި ހުންނަ އެޤައުމުގެ އަސްކަރީ ބޭސް އަކަށް ދިން ވަރުގަދަ ހަމަލާ ވެސް ފާހަގަކޮށްލެވެއެވެ.

ހޫތީންގެ ހަމަލާތައް ސައުދީ އަށް އަމާޒުކުރަން ފެށީ، 2015 ވަނަ އަހަރު ސައުދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ޔަމަނުގައި ހިންގި ވަރުގަދަ އޮޕަރޭޝަނަށް ފަހުއެވެ. އެ އޮޕަރޭޝަނުގައި ހޫތީން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ވައިގެމަގުން ދިން ހަމަލާތަކުގައި ހޫތީ ހަނގުރާމަވެރިންނާއި ގިނަ އަދަދެއްގެ އާންމުން މަރުވެފައި ވެއެވެ.

އެ ހަމަލާތަކަށްފަހު ޔަމަނުގައި ދިރިއުޅޭ އެތައް މިލިއަން ބައެއްގެ ގެދޮރުގެއްލި، ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ހޫތީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޭއެމްބީއެސް

    ލިޔުން ތެރިޔާއައް ނުކެރުނުދޯ ހޫތީން މައްކާޔައް ހަމަލަދިން ވާހަކަ ލިޔެލާކައް

    4
    1
  2. ޔަގީން

    ތިވަރުގެ އިންޒާރެއް ދޭންޖެހުނުސަބަބަކީ އީރާން ގެ ނަތަންޒް ނިއުކްލިއަރ ޕްލާންޓައް ސައިބާ ހަމަލާދީ އެޑްވާންސް ޔުރޭނިއަމް ފައްކާކުރާ ގިނަ ސެންޓަރފިއުޖުތައް ގޮއްވާލުމުން...

    1
    2
  3. އަރުޝަދު

    ހަލޯ ކީކޭ.........

  4. Anonymous

    ސައޫދީ އާ ކުޅެން ނޫޅޭތި
    އެއީ މުސްލިމުންގެ އިއްޒަތް

    4
    1