އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ހޮސްޕިޓަލްތައް ފުރެން ފަށައިފި ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ހޮސްޕިޓަލްތަކާއި ހަވާލާދީ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން 56 ހޮސްޕިޓަލެއްގެ އައިސީޔޫ މިހާރު ވަނީ ފުރިފައެވެ. ބާކީ ހުރި 35 ހޮސްޕިޓަލްގެ އައިސީޔޫތަކުގައި ހުރި ޖާގަ ވެސް ވަނީ %10 އަށް ވުރެ މަދުވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން ހަތަރު ދުވަސް ތެރޭގައި އޭގެ ތެރެއިން ގިނަ ތަންތަން ފުރޭނެ ކަމަށް ލަފާ ކުރެވެއެވެ.

މީގެ އިތުރުން ޓެކްސަސް އާއި ލޫޒިއާނާގެ ހޮސްޕިޓަލްތައް ވެސް ފުރި، ބަލި މީހުންނަށް ފަރުވާ ދޭން ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެލިފޯނިއާ، ނިއުޖާޒީ އިލިނޮއިސް އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރު ވަމުން އަންނާތީ އެ ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުގެ ޖާގަ ވެސް އަންނަނީ ފުރެމުންނެވެ.

މީގެ ކުރިން އެމެރިކާގެ ނިއުޔޯކްގެ ހޮސްޕިޓަލްތައް ވެސް ފުރިގެން ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހުނެވެ. ނިއުޔޯކްގެ ހާލަތު މިހާރު ރަނގަޅު ވެފައި ވީނަމަވެސް ނިއުޔޯކުން ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރު ވަމުންނެވެ.

އެމެރިކާ އިން އިއްޔެ ވެސް 55400 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. ފާއިތުވި ހަފްތާ ދުވަސް ތެރޭގައި އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ތިން ލައްކަ އަށް ވުރެ ގިނައެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ތިން މިލިއަނަށް ވުރެ ވެސް އިތުރު ވެފައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރު ވަމުން އައި ނަމަވެސް އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވެފައި ވަނީ ޓެސްޓް ކުރުން އިތުރު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު