ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ މެކްސިކޯ އާ އާންމު ހާލަތަށް ގޮސްފައިވާއިރު، ބަލީގެ ބިރުވެރިކަން އެ ގައުމުގައި ބޮޑުވެ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް އިތުރުވާން ފަށައިފިއެވެ.

އާ އާންމު ހާލަތުގައި އެ ގައުމު ހުޅުވާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު 3 ގުނަ އަށް ވަނީ އިތުރުވެފައެވެ.

އެގޮތުން މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން 268,008 ރިޕޯޓް ކޮށްފައިވާއިރު، އިއްޔެ އެގައުމުން 6,258 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. ހޯމަ ދުވަހު އެ ގައުމުން މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 4,902 މީހުންނެވެ. އަދި އޭގެ ކުރީ ދުވަހު 4,683 މީހުންނެވެ.

އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 32,014 މީހަކު މަރުވެފައިވާއިރު، އިއްޔެ އެގައުމުން 895 މީހަކު ވަނީ މަރުވެފައެވެ. މި އަދަދަކީ އޭގެ ކުރީ ދުވަހާއި އަޅާބަލާއިރު، 2 ގުނަ އިތުރު އަދަދެކެވެ.

މެކްސިކޯއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުމާއި އެކީ އެގައުމުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާންމުން ބޭރަށް ނުކުތުމާއި ސްކޫލްތަކުގެ އިތުރުން މީހުން ޖަމާވާ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އާ އާންމު ހާލަތުގައި އެގައުމުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެފައިވަނީ، މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ، އިއުލާނު ކޮށްފައިވާ އުސޫލުތަކަށް ބޯލެނބުމެއް ނެތި ބޭރުގައި އުޅޭތީ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް-19 ދުނިޔެގޭ 213 ގައުމަކާއި ސަރަހައްދަކުން ފެނިފައިވާއިރު، މެކްސިކޯއަކީ މުޅި ދުނިޔެއިން 9 ވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އަދި 5 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުވެސް މެއެވެ.