ކޮވިޑް-19 އަށް ފައްސިވެފައިވާ މީހާކާއި ދިމާވުމުން އިސްރާއިލްގެ ޑިފެންސް މިނިސްޓަރު އަމިއްލައަށް އެކަހެރި ވެއްޖެއެވެ.

އިސްރާއިލްގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްސް ބުނީ، ކޮވިޑް-19 އަށް ފައްސިވެފައިވާ އަންހެނަކާއި އޭނާއާއި މިހަފްތާގެ އާދިއްތަ ދުވަހު ދިމާވެފައިވާ ކަމަށެވެ. އޭނާ އެކަހެރިވުމަށް ނިންމާފައިވަނީ ސަލާމާތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މި މުއްދަތުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގާންޓްސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ހާލަތު ރަނގަޅު ކަމަށާއި އޮފީހުގެ ކަންކަން އޭނާ ކަރަންޓީނުގައި ހުރެ ކުރަމުން އަންނާނެ ކަމަށެވެ.

މިއީ އިސްރާއިލްގެ ސަރުކާރުގެ އިސް އޮފިޝަލަކު އަމިއްލައަށް ކަރަންޓީނުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޏާހޫވެސް ވަނީ ދެފަހަރެއްގެ މަތިން އައިސޮލޭޝަނަށް ގޮސްފައެވެ. އެއީ މާޗް މަހުގެ ފަހު ކޮޅާއި އޭޕްރިލް މަހުގެ ކުރީ ކޮޅުއެވެ. ނަތަންޏާހޫގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

މީޣެ އިތުރުން އެގައުމުގެ ކުރީގެ ހެލްތް މިނިސްޓަރު ޔާކޯ ލިޒްމަން ކޮވިޑް-19 އަށް ފައްސިވެގެން ވަނީ އައިސޮލޭޝަނަށް އޭޕްރިލް މަހުގެ ކުރީކޮޅު ގޮސްފައެވެ. އޭނާ އަށް ފަރުވާދެވި މާ ގިނަ ދުވަހެއް ނުވެ ބަލިން ރަނގަޅުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އިސްރާއިލުން މިހާތަނަށް ކޮވިޑް-19 އަށް 32،714 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 343 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އެގައުމުން 18،267 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، 14،104 މީހަކަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 107 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ކޮވިޑް-19 ގެ ފަހުގެ މައުލޫމާތު އާންމު ކުރާ ބައިނަލްއަޤްވާމީ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިންނި

    ޒަޔަނިސްޓް ކަންބަޅި ވ ބިރުގަންނާނެ

  2. ޢަންސާރު

    ﷲ ގެ ލައުނަތް މި އަނިޔާވެރިންގެ މައްޗައް ލައްވާށި.އާމީން

    • އާމީން

      އާމީން