ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ހަތް މިލިއަނަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު ހަތް މިލިއަނަށް އަރާފައި މިވަނީ، މިދިޔަ 24 ގަޑިއިރު ތެރޭވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 176000 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 7,021,811 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދެލައްކައަށްވުރެ ގިނަ މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12.1 މިލިއަނަށްވުރެ އިތުރުވެފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް 5000 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން 551000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ 4,580,634 މީހަކަށެވެ. މީގެ ތެރެއިން 58,325 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު