ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1187 މީހަކު މަރުވެއްޖެ އެވެ.

ދުނިޔެއިން މިހާތަނަށް ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމެއްގެ ގޮތުގައި އޮތީ ބްރެޒިލް އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބްރެޒިލް އިން އިތުރު 41,541 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިހާރު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1,716,196 އަށް އަރާފައެވެ.

ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، ކޮވިޑް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 68,055 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 1,117,922 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބްރެޒިލްގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައި ވެއެވެ. ނަމަވެސް މި ފިޔަވަޅުތަކާއި ދެކޮޅަށް ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސެނާރީ ވަނީ މުޒާހަރާކޮށް ނުރުހުންފާޅު ކުރުމާއެކު މަލާމާތްކޮށްފައެވެ. އޭނާ ބުނެފައި ވަނީ ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެއް ކަމަށާއި، އެހެންކަމުން މިއީ ޤައުމުތަކުން ސިފަކުރާހައި ނުރައްކާތެރި ބަލިމަޑުކަމެއް ނޫން ކަމަށެވެ. އަދި ޚާއްސަ ގޮތެއްގައި ބްރެޒިލްގެ މީހުންނަކީ "ކޮވިޑް ފްރީ" ބައެއް ކަމަށާއި، އެޤައުމުގެ މީހުން ނަޖިސްފެން ދައުރުވާ ޖަންގްޝަނަށް ފައިބައި ތިއްބަސް ބަލި ނުޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔެއިން އެންމެ ނުރައްކާ ބޮޑު ޤައުމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނިގެން ދިޔައީ ބޮލްސެނާރޯ މިފަދަ ގަދަބަސްތައް ބުނަމުން ދަނިކޮށެވެ. އެއާއެކު އޭނާގެ އަޑު ވަނީ ކެނޑިގެން ގޮސްފައެވެ. އަދި އޭނާ އަށްވެސް މިހާރު ކޮވިޑް-19 ޖެހިފައިވާ ކަން ބްރެޒިލްގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ މި ބައްޔަށް އަދި ކާމިޔާބު ފަރުވާއެއް ނުވަތަ ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ.