ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ މިހާރުގެ ލީޑަރު، މުޙައްމަދު ސައީދު އަބްދުރަހްމާން އަލް މައުލާ އަތިލައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ހުށަހަޅާފައިވާ ފައިސާގެ އަދަދު ދިހަ މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފިއެވެ.

ހާޖީ އަބްދުﷲގެ ނަމުންވެސް ނިސްބަތް ކުރެވޭ އައިސިސްގެ މިހާރުގެ ލީޑަރު ހޯދުމަށް އެހީވާ ފަރާތަކަށް އެމެރިކާއިން މީގެ ކުރިން ހުށަހަޅާފައި އޮތީ ފަސް މިލިއަން ޑޮލަރެވެ.

މިކަމާއި ގުޅޭގޮތުން ނޫސްތަކަށް މައުލުމާތު ދެމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕީއޯ ބުނެފައި ވަނީ މަލާވީ އަތުލައިގަތުމަށް ބޭނުން ވަނީ އޭނާއަކީ ތަކުރާރުކޮށް ތަފާތު އެކި ނިރުބަވެރި ހަމަލާތައް ރާވައި ހިންގުމުގައި އިސްކޮށް އުޅުމާއި އެކު މުޅި ދުނިޔެއަށްވެސް ހުރި ނުރައްކަލަކަށް ވުމުން ކަމަށެވެ.

އޭނާ އަތުލައިގަތުމަށްޓަކައި ސައްޙަ މަޢުލޫމާތެއް ޙިއްސާކޮށް އިދާރާތަކަށް އެހީވާ ފަރާތަކަށް ބޮޑު އަދަދެއް ހުށަހަޅަން ނިންމީ މި ސަބަބަށްޓަކައި ކަމަށް މައިކް ޕޮމްޕީއޯ ބުނެފައި ވެއެވެ. އޭނާ ބުނެފައިވާގޮތުން މަލާވީ އަތުލައިގަނެވުން ވެގެންދާނީ ނިރުބަވެރި ޖަމާޢަތްތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަށް ކަމަށެވެ.

އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ސީރިޔާގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ ސިފައިން އަނބުރާ އެމެރިކާއަށް ގެންދިއުމާއި މެދު ވިސްނަމުންދާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ. އެމެރިކާ ސިފައިން ސީރިޔާއިން ފައިބައިގެން ގޮސްފިނަމަ އައިސިސްގެ ނުރައްކާ ސީރިޔާގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ އައިސިސްގެ މައްޗަށް ކުރި ހޯދިފައިވާކަން އިއުލާނުވެސް ކޮށްފައެވެ. ނަމަވެސް އެ ޖަމާޢަތުގެ ހަނގުރާމަވެރިން އަދިވެސް ސީރިޔާ އާއި އިރާގުގެ ބައެއް ސަރަޙައްދުތައް ކޮންޓްރޯލް ކުރަމުން ދެއެވެ. މިކަމާއި ގުޅިގެން އިރާގު ސިފައިން ވަނީ އައިސިސްގެ "ވަސް ފިލުވާލުމަށް" ކުރާ އެންމެ ފަހުގެ ހަނގުރާމަވެސް އިއުލާނުކޮށްފައެވެ.

އައިސިސް އުފެއްދި އެ ޖަމާއަތުގެ ފުރަތަމަ ލީޑަރު، ބަޣްދާދީ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިޔާއިން ސީރިޔާގައި ހިންގި އޮޕަރޭޝަނެއްގައެވެ. މުސްލިމެއް ކަމަށް ބުނާ ބަޣްދާދީ މަރުވީ އެމެރިކާ ސިފައިން އޭނާ ފިލައިގެން އުޅުނު ބިންގަރާސް ވަށާލުމުން އެތަނުގެ ތެރޭގައި ޖާނުގޮއްވާލައިގެން އަމިއްލައަށެވެ.

އައިސިސްގެ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް އިރާގުގައި ގިނަ ޢަދަދެއްގެ ޢާންމުން ގެދޮރު ދޫކޮށް ރައްކާތެރި އެހެން ހިސާބުތަކަށް ވެސް ގޮސްފައި ވެއެވެ. މި ޖަމާޢަތުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތަކުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގާއި ސީރިޔާ ވެފައިވަނީ މީހުން ވަޒަންވެރިވުމަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާތެރި އެއް ޤައުމަށެވެ.

އައިސިސް ޖަމާޢަތުން މީގެ ކުރިން ހުޅަނގު ސީރިޔާ އިން ފެށިގެން އިރާގުގެ އިރުމައްޗާއި ހަމައަށް ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކޮށްފައި ވެއެވެ. މި ޖަމާޢަތުން އެ ސަރަޙައްދުތަކަށް ވެރިވެގަނެ ބޮޑެތި ޤަތުލުއާންމުތަކާއި ނިރުބަވެރި ހަމަލާތައް އޭރު ހިންގަމުންދިޔަ ދުވަސްވަރު ކުށެއްނެތް އެތައް މީހުން މަރާލާފައި ވެއެވެ.

މީގެ ކުރިން އައިސިސްގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައިރު، އެ ޖަމާޢަތުގެ ނުރައްކަލާއި ދުއްތުރާ ދުނިޔޭގެ އެތައް ޤައުމަކަށް ފޯރާފައި ވެއެވެ. މި ޖަމާޢަތުން ދީނުގެ ނަމުގައި ޖިހާދު ކުރުމަށް ކަމަށް ބުނެ އެތައް ބަޔަކަށް އަމިއްލައަށް މަރުވުމަށް ހިއްވަރުދީ، އަމިއްލަ ޖާނު ގޮއްވާލާ ހަމަލާތައް ދެމުން ގެންގޮސްފައިވާއިރު، މި ހަމަލާތަކުގައި ކުށެއްނެތް އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިން ވެސް މަރާލާފައި ވެއެވެ.