ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ސްޕެއިން އިން ފައްސިވި މީހުންގެ އަދަދު ތިންލައްކައަށް އަރައިފިއެވެ.
އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު ތިންލައްކައަށް އަރާފައި ވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކަށް އަލަށް ބަލި ޖެހުމުންނެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕެއިން އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 543 މީހަކަށް އަލަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 300,136 އަށް އަރާފައެވެ.
ސްޕެއިން އިން އިއްޔެ ފަސް މީހަކު ހިމެނޭހެން މިހާތަނަށް ކޮވިޑް-19 ޖެހިގެން ޖުމްލަ 28,401 މީހަކު ވަނީ މަރުވެފައެވެ.
ސްޕެއިން އަކީ މިހާރު ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މީގެ ކުރިން ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގައި މީގެ ކުރީން ބަލި ފެތުރެމުންދިޔަ މިންވަރާއި އަޅާ ބަލާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ބަލީގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ސްޕެއިން އިން މިހާތަނަށް ފައްސިވި މީހުންގެ ތެރެއިން 150000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެޤައުމުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި 600 އެއްހައި މީހުންނަށް ފަރުވާދެމުން އަންނަ ކަމަށް އިދާރާތަކުން ބުނެއެވެ.
ސްޕެއިން އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.