ޖަޕާންގައި އެއް ދުވަސް ތެރޭގައި 357 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއީ އޭޕްރީލް 25 ވަނަ ދުވަހުން ފެށިގެން ޖަޕާންގައި ކޮވިޑް-19 ފެތުރެން ފެށުނު ފަހުން އެއް ދުވަސްތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 357 މީހެއްގެ ގައިން ބަލި ފެނިފައި ވަނީ އިއްޔެގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ފައްސިވެފައި ވަނީ ޓޯކިޔޯ އިންނެވެ. އެގޮތުން ޓޯކިޔޯ އިން 224 މީހަކު ފައްސިވެފައިވެއެވެ. މިއީ ޖަޕާންގައި ބަލިމަޑުކަން ފެތުރުނު ފަހުން، ޓޯކިޔޯ އިން އެހާ ގިނަ ކޭސްތައް ރިކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކޭ ވިދާޅުވީ އެހާ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޓެސްޓް ކުރުން އިތުރު ކުރީމަ ކަމަށެވެ. އޭނާ ވަނީ އާންމުން ބޭރުގައި އުޅޭ އިރު، ކަމާބެހޭ ފަރާތްތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް އުޅުމަށް ނަސޭހަތްތެރިވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި އަދަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ޖަޕާންގައި މިހާ ގިނަ ބަޔަކު އެއް ދުވަހުގެ ތެރޭގައި ފައްސިވި އިރު، އެ ގައުމުން ބަލީގައި އިއްޔެ އެކަކު މަރުވެފައިވެއެވެ.

ޖަޕާންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 21،431 އަށް އަރާފައިވާ އިރު، ބަލި ޖެހިގެން 995 މީހަކު މަރުވިއެވެ.