ވެނެޒުއޭލިއާގެ ދެ ވަނަ އަށް އެންމެ ބާރުގަދަ ލީޑަރު ޑިއޮސްޑާޑޯ ކަބެއްލޯ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ގައުމުގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު ކަން ކުރައްވާ ކަބެއްލޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އައިސޮލޭޝަންގައި ހުންނެވި ކަމަށެވެ. އަދި ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަ ކަމަށް ވެސް ކަބެއްލޯ ވިދާޅުވިއެވެ.

ކަބެއްލާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އިން ސަލާމަތްވާނެ ކަމުގެ އުންމީދު އެބައޮތެވެ.

"އަހަރުމެން ކާމިޔާބު ހޯދާނަން،" ކަބެއްލޯގެ ޓުވީޓުގައިވެއެވެ.

ކަބެއްލޯއަކީ ވެނެޒުއޭލިއާގެ ރައީސް ނިކޮލަސް މަޑޫރޯ ނަގާފައި އެ ގައުމުގައި ހުރި އެންމެ ވަރުގަދަ ޝަހްސިއްޔަތެވެ.

ވެނެޒުއޭލާގައި ކޮވިޑް-19 އަށް މިހާތަނަށް ފައްސިވެފައި ވަނީ 8,372 މީހުންނެވެ. މި ބަލީގައި އެ ގައުމުން 80 މީހުން މަރުވެފައިވެއެވެ. ބަލިން ސަލާމާތްވެފައިވާ 2,544 މީހުން ތިބިއިރު، ބައްޔަށް ފަރުވާ ހޯދަނީ 5,748 މީހުންނެވެ.

މި ބަލި ޖެހިގެން ސީރިއަސް ހާލަތުގައި 24 މީހުން އެބަތިބިއެވެ.

ވެނެޒުއޭލާގައި އިއްޔެ އެކަނި ވެސް 364 މީހަކު ފައްސިވެ، ފަސް މީހަކު މަރުވިއެވެ.