ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ބްރެޒިލްގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބޮލްސޮނަރޯ ނިމުނު ހަފްތާގައި ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭނާގެ ހާލުކޮޅު ގޯސް ނޫން ކަމަށެވެ. އަދި މެޑިކަލް ޓީމަކުން ބޮލްސޮނަރޯގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ބޮލްސޮނަރޯ މީގެ ކުރިން ވަނީ އެތައް ފަހަރެއްގެ މަތިން ކޮވިޑް-19 އަކީ މާ ބޮޑު ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ފެތުރުނޭ ކިއާފައި ގައުމު ބަންދު ކުރަން ނުޖެހޭ ކަމަށާއި ގައުމު ބަންދުކޮށްގެން މާ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވިތާ ދެ ދުވަސް ފަހުން، އޭނާ ވަނީ ކުރިން ވިދާޅުވި ވާހަކަތައް ތަކުރާރު ކުރައްވައިފައެވެ. ބްރެޒިލްގެ ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ހަރަކާތްތައް ހުއްޓާލައިގެން ގައުމަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

އަދި ގަވަރުނަރުންނާއި މޭޔަރުން އިސް ނަންގަވައިގެން ގައުމު ވިޔަފާރިއަށް ހުޅުވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރެޒިލަކީ މިހާރު ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގައުމުން 1.7 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު 69000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ބްރެޒިލްގައި އިއްޔެ އެކަނި ވެސް 42،000 އަށް ވުރެ ގިނަ މީހުން ފައްސިވެ 1،199 މީހަކު ވަނީ މަރުވެފައެވެ.