ބޮލީވިއާގެ ރައީސް ޖެނީން އަނޭޒަށް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ގައުމުގެ ރައީސް އަނޭޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަނާ 14 ދުވަސްވަންދެން އެކަހެރިވެވަޑައިގެން ހުންނަވާނެ ކަމަށާއި، އިތުރު ޓެސްޓެއްވެސް ހައްދަވާނެ ކަމަށެވެ. އަދި އެކަމަނާ ގެކޮޅުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހާލު ރަނގަޅު، އަޅުގަނޑުގެ ވަރުގަދަ" ރައީސް އަނޭޒް ވިދާޅުވިއެވެ.

އެގައުމުގެ ރައީސްގެ އިތުރުން، ހެލްތް މިނިސްޓަރު ހިމެނޭހެން ތިން މިނިސްޓަރަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެ ގައުމުގެ ޕްރެޒިޑެންސީ މިނިސްޓަރ ޔެރްކޯ ނުނޭޒްއަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެެވެ.

ބޮލީވިއާއިން މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 42984 އަށް އަރާފައެވެ. އެ ގައުމުން 1577މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ދުނިޔޭގެ ހާލަތަަށް ބަލާއިރު، އެކި ގައުމުތަކާއި ސަރަހައްދުތަކުން 12,424,398 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. މީގެ ތެރެއިން 558,157 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލި ޖެހުނު 7,247,340 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު