ފިލިޕީންސަށް ބާރުގަދަ ބިނެހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ މިރޭ 11:00 ހާއިރު އެޤައުމުގެ ދެކުނުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ މިންޑަނައޯ އަށެވެ.

މިރޭ އެރަށަށް ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި ކަމަށް އިދާރާތަކުން ބުނެއެވެ. މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ.

25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިންޑަނައޯއަށް އައި މި ބިންހެލުމުގައި މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއްވެސް މިހާތަނަށް ނެރެފައި ނުވެއެވެ.

މިންޑަނައޯއަށް މިރޭ ބާރުގަދަ ބިންހެލުމެއް އައިސްފައި ވާއިރު، އިއްޔެ ވެސް މި ސަރަޙައްދަށް ބާރުގަދަ ބިންހެލުންތަކާއި ލޮޅުންތައް އައިސްފައި ވެއެވެ. މި ސަރަޙައްދަށް ބިންހެލުން އަންނަމުން ދަނީ، އެރަށާއި ދުރުނޫން ހިސާބެއްގައިވާ އަލިފާން ފަރުބަދައެއް ގޮވަން ފަށާފައި ވަނިކޮށެވެ.

މި ބިންހެލުންތަކަކީ އަލިފާން ފަރުބަދަ ގޮވަމުންދާތީ އަންނަ ބިންހެލުންތައް ކަމަށާއި، ބިންހެލުންތައް ގިނަވެފައި ވަނީ، އެ ސަރަޙައްދުގެ ބިމުގެ އަޑީން ލާވާ ދައުރުވަމުންދާތީ ކަމަށް ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީ އިން ބުނެފައި ވެއެވެ.