މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމުގައިވާ "އެމިރޭޓްސް" އިން 9000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް މުވައްޒަފުން ވަކިކޮށްފައި ވާނެ ކަމަށާއި، އެހެން ނަމަވެސް މިއީ މި ބަލިމަޑުކަމާއި ގުޅިގެން އެންމެ ގިނައިން މުވައްޒަފުން ވަކިކުރާ ފަހަރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު އެމިރޭޓްސްގައި މަސައްކަތް ކުރަމުން އަންނަ 60،000 މުވައްޒަފުންގެ ތެރެއިން 9000 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެމިރޭޓްސް އިން މިހާ ގިނަ އަދަދެއްގެ މީހުން ވަކިކުރުމަށް ނިންމާ އެކަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.

އެމިރޭޓްސް އިން 30000 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ތައްޔާރުވަމުންދާ ކަމަށް ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް "ބްލޫމްބާގް" އިން ވަނީ މީގެ އެއް މަސް ކުރިން ރިޕޯޓުކޮށްފައެވެ. އަދި އެ އެ އެއާލައިންގައި އޮޕަރޭޓްކުރަމުން އަންނަ A380 މަރުކާގެ ބޯޓުތަކުގެ ދަތުރުތައްވެސް ގިނަކުރުމަށް ނިންމާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަ އެއް އިންޑަސްޓްރީ އަކީ ވައިގެ ދަތުރުފަތުގެ އިންޑަސްޓްރީ އެވެ. ދުނިޔޭގެ އެހެން ބައެއް އެއާލައިންތަކުން ވެސް މިހާރު ގެންދަނީ މުވައްޒަފުން މަދު ކުރަމުންނެވެ. މުވައްޒަފުން މަދުކުރަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި ބްރިޓިޝް އެއާވޭސް، ރަޔަންއެއާ ފަދަ އެއާލައިންތައް ހިމެއެވެ.