ކޮވިޑް-19 ގެ ހާލަތު ގިނަ ގައުމުތަކުގައި މިހާރު ގޯސްވަމުން ދަނީ ގިނަ ގައުމުތަކުގެ ލީޑާރުންގެ ނާގާބިލްކަމުގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯ އިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޯސް ރޭ ވިދާޅުވީ ބައެއް ލީޑަރުންގެ ނާގާބިލްކަމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވަމުން ދާއިރު، ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަށް ނެތުމުގެ ސަބަބުން ވެސް ހާލަތު ގޯސްވަމުންދާ ކަމަށެވެ.

"އަހަރެންގެ ރަހުމަތްތެރިންނަށް ގޮވާލަން ބޭނުން ވަނީ ގޯހެއް ނުހަދާށޭ. އަހަރެމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ވައިރަސްއެއް ނޫން. އެންމެ ބޮޑު ނުރައްކަލަކީ ލީޑަރުންގެ ނާގާބިލްކަމާއި ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ނެތުން." ޓެޑްރޯސް ވިދާޅުވިއެވެ.

ވަރަށް އަސަރާއި އެކު ވާހަކަ ދައްކަމުން ޓެޑްރޯސް ވިދާޅުވީ ބައެއް ލީޑަރުންގެ ނާގާބިލް ނިންމުންތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ ކަމަށެވެ.

ހާލަތު ގޯސްވަމުން ދިއުމުގައި ނާގާބިލް ލީޑަރުންގެ ނިންމުންތަކުގެ ދައުރު ބޮޑު ކަމަށް ޓެޑްރޯސް ވިދާޅުވިއިރު ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއް ކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ދެކޮޅު ހެދި ބްރެޒިލްގެ ރައީސް ވަނީ މިހާރު ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ބްރެޒިލް އަކީ މިހާރު ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އެއްގައުމެވެ.

އެންމެ ގިނަ ބަޔަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ އެމެރިކާ ގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީ، ގައުމު ހުޅުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބާރުއަޅާފައެވެ. ޓްރަމްޕްގެ ނިންމުންތަކުގެ ސަބަބުން އެމެރިކާގެ ހާލަތު ގޯސްވެފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 އެންމެ ފަސޭހައިން ކޮންޓްރޯލް ކޮށްފައި ވަނީ ޗައިނާ ފަދަ ހަރުކަށި ފިޔަވަޅުތައް އެންމެ އަވަހަށް އެޅި ގައުމުތަކުގައެވެ. އަވަހަށް ލުއިތައް ދިން ގައުމުތަކުގެ ހާލަތު ގޯސްވެ، ކޮވިޑް-19 އަށް ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ަމަރި

    އިބޫ މިޔަށް އެއްޗެއް ކިޔާބަލަ

    38
  2. Anonymous

    މިގައު މުގަވެސް އުޅެނީ ގޮތްދޫނުކުރާ ލީޑަރުންތަކެއް.

    40
  3. މިއަދު

    ޙައްގު ތެދު ރާއްޖޭގައި ހާލަގުގޯސްވަނީ ރައިގް ފިޑިކަމުން ބަސްބުނަންނުކެރިގެން

    36
  4. ޖަޒީރާމަނިކު

    ހަމަގައިމުވެސް މިރާއްޖޭގައި ހާލަތު ގޯސްވަމުންމިދަނީ ސަރުކާރުގެ އިސްވެރިންގެ ނާގާބިލް ކަމުން.

    31
  5. އަޙްމަދު

    ވަރަށް ބޮޑު ތެދެއް! މިގައުމުގެ ބޮޑުވަޒީރު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަންކަން މިދަނީ ގޯހުން ގޯހަށް!!!!!

    27
  6. އެމަންޖެ

    މިސްޓާރ ލީޑާރ ބުއްޅަބޭގެ ސަބަބުން.

    17
  7. ބޫ

    މީ ވަރަށް ބޮޑު ތެދެއް، ޤައުމު ކޮންޓްރޯލް ކުރާމީހާ އާއި، އެކަލޭގެ ކޮއްކޯ ބުނީ ރަށްރަށުގެ ސިއްޚީ މަރުކަޒު ތަކުން ފަރުވާ ހޯދޭނޭ މީއާދައިގެ ރޯގާއެކޭ މިހެން ކިޔާ އެކަށީގެންވާ ފިޔަވަޅެއް ނޭޅި އުޅެނިކޮށް ފުރަތަމަ ކޭސް ފެނުނީ އެއަށްފަހު ދެން އުޅުނީ ލުއިނުދީގެން ދެން ކުރަންފެށި ކަމަކީ ފަރުމަހުގެ ޕާޓީ ބޭއްވުމާއި މޫދު ކުޅިވަރު މިކަންކަން ނުހުއްޓި ދާން ފެށުމުން ރައްޔިތުން ނިކުންނަން ޖެހުނީ މިއަދު މިދަނީ ގޯހުން ގޯހަށް މިހާރު އެއުޅެނީ މައިދޮރޯށި ނުހުޅުވިގެން. މުޅިންވެސް ފެނުނީ ނާޤާބިލްކަން.

    15