އިސްރާއީލުން ސީރިޔާގައި ހުރި އިރާނުގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާތަކެއްގެ ރައްދުގައި އިރާނުންވެސް އިސްރާއީލުގެ ސިފައިނަށް އަމާޒުކޮށް ހަމަލާތަކެއް ފުރަތަމަ ފަހަރަށް ދީފިއެވެ.

އިރާނުން ވަނީ އިސްރާއީލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ދީފައިކަމަށް އިސްރާއީލުން ވެސް ބުނެފައިވާއިރު އެގައުމުން ވަނީ އެ ރޮކެޓްތަކުގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ނުވާކަމަށް ބުނެފައެވެ. އަދި އިރާނުގެ އެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އަނެއްކާވެސް ހަމަލާތަކެއް ދިންކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލް އިން ބުނާގޮތުގައި އެގައުމަށް ހަމަލާދީފައިވަނީ އިރާނުގެ ވަރުގަދަ ރިވޮލިއުޝަނަރީ ގާޑްސް ނުވަތަ ކަޑްސް ފޯސްއިންނެވެ. އަދި ރައްދުގައި އިސްރާއީލް އިން ވަނީ ސީރިޔާގައި އިރާނުގެ ސިފައިން ތިބޭކަމަށް ބެލެވިފައިވާ ސަރަހައްދުތަކަށް އަސްކަރީ ވައިގެ މަގުން މަތިންދާބޯޓުތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވެސް އިސްރާއީލް އިން ހަމަލާދިންކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

އިސްރާއީލް އިން ބުނާގޮތުގައި އިރާނުން ދިން ހަމަލާތަކުގެ ތެރެއިން އެއްވެސް ރޮކެޓެއް އިސްރާއީލްގެ އެތެރެއަށް ވެއްޓިފައިނުވާއިރު ހަތަރު ރޮކެޓް އިސްރާއީލްގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ހުއްޓުވައިފައެވެ. އަދި ބާކީ ހުރި ރޮކެޓްތައް ވެއްޓިފައިވަނީ ސީރިޔާގެ އެތެރެއަށްކަމަށް ވަނީ ބުނެފައެވެ.

އިރާނާއި ސީރިޔާ އަދި އިސްރާއީލާއި ދެމެދުގައި ފެށިފައިމިވާ ހަމަލާބަދަލުކުރުންތަކަކީ އެމެރިކާއިން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިރާނާއިއެކު އެއްބަސްވެފައިވާ ނިއުކްލިއަރ ހަތިޔާރުގެ އެއްބަސްވުމުން އެމެރިކާ ވަކިވުމާއިއެކު ފެށިގެންދިޔަ ހަމަލާތަކެކެވެ.

އެމެރިކާއިން އެ އެއްބަސްވުމާއި ވަކިވުމުގެ ސަބަބުން އިރާނުން ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އަނެއްކާވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ފެށުމަށް އެގައުމުން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އިސްރާއީލް އިން ވަނީ އެމެރިކާގެ އެ ނިންމުމަށް ތައުރީފްކޮށް އިރާނުން މެދުއިރުމައްޗަށް އަތްގަދަކުރަންކަމަށް އެގައުމުން ބުނާ މަސައްކަތްތަކަށް ހުރަސްއަޅާނޭކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު